ގއ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ މަގުތަކުގެ ސަރވޭ ހެދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
ރޯޑް ޑިވޮލޮމްޕަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު ރަޝީދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ތަރައްގީކުރާ މަގުތަކުގެ ސަރވޭގެ މަސައްކަތް ކަމަށެވެ.
ސަރވޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މިހާރުވަނީ މަސައްކަތަށް ބޭނުންވާނެ 50 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައި. ސަތޭކަ އިންސައްތަ ދިވެހި މުވައްޒަފުން ހިމެނޭހެން ބޮޑަށް އިސްކަންދޭނީ ކޮލަމާފުށިން މުވައްޒަފުން ނެގުމަށް. އަހުމަދު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރި އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަކީ 85 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މިމަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭގައެވެ.
މިމަޝްރޫއުގެ ދަށުން ކޮލަމާފުށީގައި 8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ.

