ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 48 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރުނު އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 48 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 5 މީހެކެވެ.
އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 161 އަށް އަރާފައެވެ. ތިނަދޫއިން ޖުމްލަ 1361 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1195 މީހެކެވެ.
ތިނަދޫގެ އިތުރުން، މަޑަވެލި، ނަޑެއްލާ، ފަރެސްމާތޮޑާ އިތުރުން ގައްދޫއިންވެސް ގިނަ ބަޔަކުވަނީ ފައްސިވެފައެވެ. އެގޮތުން މަޑަވެލިން އިތުރު 6 މީހަކު ކޮވިޑަށް ފައްސިވެ އެރަށުގެ އެކްޓިވް ކޭސްގެ އަދަދު 31 އަށް އަރާފައިވާއިރު، ނަޑެއްލާއިންވަނީ 2 މީހަކު ފައްސިވެފައެވެ.
އޭގެ އިތުރުން ފަރެސްމާތޮޑާއިން 3 މީހަކުވަނީ ފައްސިވެފައެވެ. ތިނަދޫގެ އިތުރުން މިއަދުވެސް އެންމެ ގިނަ ބަޔަކު މިއަދު ފައްސިވެފައިވަނީ ގައްދޫއިންނެވެ. އެގޮތުން އެރަށުން މިއަދުވަނީ 8 މީހަކު ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 44 އަށް އަރާފައެވެ.

