ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން ފޯރުކޮށްދެމުންދިޔަ ބައެއް ހިދުމަތްތަށް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެހޮސްޕިޓަލުން އަންގައިފިއެވެ.
ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންދެމުންދިޔަ ބައެއް ޚިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ކުދިން ކިރުން ފަދަ ކަންތައް މިވަނީ މެދުކަނޑާލާފައެވެ.
މީގެއިތުރުން މިދުވަސްވަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ޒިޔާރަތްނުކުރުމަށް އެހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގދ.ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ރަށް މޮނީޓަރިންގއަށް ލުމަށްފަހު ފިޔަވަޅުތައް މިވަނީ ވަރުގަދަކޮށްފައެވެ.
ތިނަދޫއިން އިއްޔެ ކޮވިޑް-19ގެ 24 ކޭސް ފެންމަތިވެފައިވާއިރު މިއަދު 48 ކޭސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިވަގުތު ތިނަދޫގައި 161 އެކްޓިވް ކޭސް އުޅޭކަމަށް ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ.

