އަނބިމީހާ މަރާލަން އުޅުނު ފިރިހެނަކު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމަށް މިއަދު ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން ވިދާޅުވީ ނ. ލަންދޫގައި ފިރިހެނަކު އޭނާގެ އަނބިމީހާއަށް ގެވެށި އަނިޔާކޮށް، މަރާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުއްޓައި، ބަންދުން ދޫކޮށްލަން ލަންދޫ ކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމަށެވެ.
2021 ވަނަ އަހަރު ލަންދޫ ފިރިހެނަކު އޭނަގެ އަނބިމީހާއަށް އަނިޔާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީ އޭނާއާ ދެކޮޅަށް އެރަށު ކޯޓުން ވަނީ އަމުރު ނެރެފައެވެ. އެހެންނަމަވެސް ކޯޓު އަމުރު ނެރުނުތާ ހިނދުކޮޅެއްފަހުން އެފިރިހެން މީހާ ވަނީ އަންހެންމީހާ ދިރިއުޅުނު ގެޔަށް ގޮސް އެއަމުރު ވީދާލާފައެވެ.
އެހެންކަމުން އެމީހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަނދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ބަންދު މުރާޖައާ އަޑުއެހުމެއްގައި މި މަހު 2ގައި ލަންދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފައެވެ.
މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ހުށަހެޅުމުން ހައިކޯޓުން މިއަދު ނިންމީ އޭނާ ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ.

