ގދ.ތިނަދޫއިން މިހާރު ފެންނަމުން ދަނީ ކޮވިޑް-19ގެ އައު ވޭރިއަންޓު ކަމަށް ތިނަދޫ ކައުންސިިލުން ވިދާޅުވެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ މިއަދު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިނަދޫއިން މިހާރު ފެންނަމުންދަނީ ކޮވިޑް-19ގެ އައު ވޭރިއަންޓު ކަމަށާއި މިބައްޔަށް ފައްސިވާ މީހުން ތިނަދޫގައި ދުވަހެއް ދުވަހެއް އިތުރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ވޭރިއަންޓެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
މިކަމާބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބުދާރީ ވެފައި ނުވާތީ މިވޭރިއަންޓާއި ބެހޭ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ.
ތިނަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރަށް މޮނީޓަރިންގއަށް ލުމަށްފަހު ފިޔަވަޅުތައް މިވަނީ ވަރުގަދަކުރެވިފައެވެ. އިއްޔެވެސް ތިނަދޫއިން ކޮވިޑްގެ 48 ކޭސް ވަނީ ފެންމަތިވެފައެވެ. އެއާއެކު ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދު މިވަނީ 161އަށް އަރާފައެވެ.


