ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ގދ.ގައްދޫގައި ޖެހި މަގުބައްތިތައް ހަރުކޮށް 2 ދުވަސް ތެރޭ މަސައްކަތް ނިންމާލައިފިއެވެ.
ގައްދޫ ފެނަކަ ބްރާންޗުންގެ ބުނީ އެ މަސައްކަތަކީ ގދ.އަތޮޅު މަދަރުސާގެ އެދުމުގެ މަތިން އެކުންފުނީގެ ސީއެސްއާރުގެ ދަށުން ހިލޭ ކޮށްދީފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ފެށިތާ 2 ދުވަސް ތެރޭ މަސައްކަތް ނިންމާލާފައިވާއިރު، އެ ޕްރޮޖެކްޓުގައި ގައްދޫގައި ހަރުކޮށްފައިވަނީ 13 މަގު ބައްތި ކަމަށްވެސް ފެނަކަ ގައްދޫ ބްރާންޗުން މައުލޫމާތު ދެއެވެ.
ގދ.ގައްދޫ ހަސަން ހުސައިން މަގުގައި މަގު ބައްތި ޖެހުމުގެ ޕްރޮޖެކްޓު ފަށާފައިވަނީ އެއް ހަފްތާ ތެރޭގައި ނިންމުމަށެވެ.
ގައްދޫ ފެނެކަ ބްރާންޗުން ވަނީ އެމައްސައްކަތައް އެއްބާރުލުން ދެއްވި ގައްދޫ އާރުޑީސީ އަށާއި، ގައްދޫ ކައުންސިލުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދަށް ޝުކުރު ދަންނަވާފައެވެ.
އަދި މި މަސައްކަތަކީ ފެނަކަ ގައްދޫ ބްރާންޗުން ހިލޭ ކޮށްދެއްވި މަސައްކަތަކަށްވުމާއި އެކު، ގައްދޫ ކައުންސިލުން ވަނީ ގައްދޫ ރައްޔިތުންގެ ނަމުގައި އާއި، ކައުންސިލުގެ ނަމުގައި ފެނަކަ ގައްދޫ ބްރާންޗަށް ޝުކުރު ދަންނަވާފައެވެ.
ސަރުކާރުން ދަނީ ގައްދޫގައި އެހެން ގިނަ ޕްރޮޖެކްޓު ތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ގައްދޫގެ މަގުތައް ހަދަމުން ދާއިރު އިއްޔެ ގައްދޫ ކައުންސިލުންވަނީ އެމްޓީސީސީ އާއި ބައްދަލުކޮށް ގަައްދޫގެ ހާބަރ މަސައްކަތާއި، ސާފް ޝެކްގެ ޕްރޮޖެކްޓާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

