މަސްތުވާ ތަކެއްޗާއި ދެކޮޅަށް ގއ.ދާންދޫގައި ހިންގި ބޮޑު އޮޕަރޭޝަނަކާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މައުލޫމާތު ލީކުކުރިކަމަށް ތުހުމަތުކުރި މައްސަލައިގައި ހެކި ނެތުމުން އޭނަގެ މައްޗަށް ދައުވާ ނުކުރުމަށް ފުލުހުން ނިންމައިފިއެވެ.
މިދިޔައަހަރު ޑިސެމްބަރމަހު 22 ވަނަ ދުވަހު ފުލުހުން އާސިފަށް ފޮނުވާފައިވާ މައްސަލަ ނިމުނު ކަމުގެ ރިޕޯޓުގައި ބުނެފައިވަނީ އާސިފްގެ މައްޗަށް ކުރެވުނު ސަރުކާރުގެ ސިއްރު ބޭޒާރުކުރި ކަމުގެ ތުހުމަތު ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އެމައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އާސިފްގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާސިފްއާއި ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ލިބިފައިނުވާއިރު ރައްޔިތުން އިންތިޚާބުކުރައްވާފައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ މިގޮތަށް ކަންތައް ކުރުމަކީ ބަލަގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާއި އެކު އާސިފްގެ މައްޗަށް ކުރެވުނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް އޭރުވެސް އާސިފް ބުނަމުން ދިޔަކަމަށް ވަކީލް ވިދާޅުވިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ ފޯނު ވެސް ފުލުހުން ހިފެހެއްޓިއެވެ. އެ ފޯނުތައް ހިފެހެއްޓިތާ 33 ދުވަސް ފަހުން ވަނީ އަނބުރާ ދީފައެވެ.
މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އޭނަގެ ބޮލުގައި އެޅުވި ތުހުމަތެއް ކަމަށް އާސިފް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި އޭނަގެ ފަރާތުން ފުލުހުންނަށް ލިބެނޖެހޭ ހުރިހާ އެއްބާރުލުމެއް ލިބެމުންދާނެ ކަމަށާއި ކުރިމަގުގައިވެސް އޭނަގެ ވިސްނުމަކީ ފުލުހުންނާއި ގުޅިގެން ރަށުގައި ހުންނަ މިކަހަލަ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑާ ގުޅިގެން އެ ދެއްކީ ހަމަ ހުސް ދޮގު ވާހަކަ. އަޅުގަނޑުގެ އަބުރު ކަތިލުމަށް ދެއްކި ވާހަކަތަކެއް އެއީ،" އާސިފް ވިދާޅުވެފައިވެ އެވެ.
ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި ލިބިފައި ނުވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެކަމަކު އެ މައުލޫމާތު އޭނާ ލީކްކުރީ އާއިލާގެ މީހަކު ސަލާމަތްކުރަން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ. ނަމަވެސް އާސިފް ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.

