ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ހޮވިއްޖެނަމަ ގިނަކަންތައްތައް އިސްލާހު ކުރާނެކަމަށް ބުނަމުން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވީ އެކަންތައް އިސްލާހު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ކޮމަންޑޫ ދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރާޝިދު ވިދާޅުވީ މިސަރުކާރަކީ ވައުދުތައް ފުއްދަމުންދާ ސަރުކާރެއް ކަމުން އޭނަގެ ތަސައްވުރަކީ ސަރުކާރާއި އެމްޑީޕީގެ އެޖެންޑާ 19 ކަމަށެވެ.
ކޮރަޕްޝަން ނައްތާލުމަށް ކުރައްވާނެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ރާޝިދު ވިދާޅުވެފައިވަނީ މިސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އިންތިހާއަށް މަސައްކަތްކުރައްވާ ސަރުކާރެއްކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ދީފައިވީ ނަމަވެސް އެކަށީގެންވާގޮތަށް މަސައްކަތް ނުކުރާނަމަ އެ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި މަގާމުން ދުރުކުރަން ތާޢީދުކުރައްވާނެކަމަށް ރާޝިދު ވިދާޅުވިއެވެ.
މީގެއިތުރުން ކުރީގެ ސަރުކާރަށް ފާޑުކިޔަމުން ރާޝިދު ވިދާޅުވީ ނިމިދިޔަ ސަރުކާރަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށެވެ. އަދި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދިޔައިރުވެސް ޕީޕީއެމްގެ ވެރިން ތިއްބެވީ އެކަންތައްތަކާ އަޅާނުލާ ފިނިކޮޓަރީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދާއިރާގެ ގޮނޑީ އެމްޑީޕީއަށް ލިބިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހޯދައިދޭން މަޖިލިސް ތެރެއިން މަސައްކަތް ކުރައްވުމުގައި އަބަދުވެސް ސާބިތުވެ ހުންނަވާނެކަމަށްވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ.

