އިންޑިއާގެ ޖުމްހޫރިއްޔަތާއި، ޑިމޮކްރަސީއާއި، ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް ނަމޫނާއެއް ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރިސްކުރަމަށް ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވަނީ އިންޑިއާގެ ޑިމޮކްރަސީއަކީ އެހެން ޤައުމުތަކަށް އުއްމީދު ގެނުވި ޑިމޮކްރަސީއެއްކަމަށެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހަކީ 26 ޖެނުއަރީ 1950 އެވެ. މިދުވަހަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިޔާ މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ދުވަހެވެ.
މިސަރުކާރުން އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް ހާއްސަ އިސްކަމެއް ދީފައިވާއިރު އިދިކޮޅުން ދަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ "އިންޑިޔާ އައުޓް" ކެމްޕެއިން ވަރަށް ވަރުގަދައަށް ޖައްސަމުންނެވެ. މިކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީންވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައެވެ.

