ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މެވްލުތް ޗަވުޝޯލޫ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޫ ރާއްޖެއަށް މިއަދު ފަށްޓެވި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެވްލުތް ޗަވުޝޯލޫ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު — ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ތުރުކީގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ދެޤައުމުގެ ދެމެދު އެކުލަވާލާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އެނޫންވެސް ދާއިރާތައް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް މިދިޔަމަހު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރުވެސް ރާއްޖެއަށް ވަޑައިގެންފައެވެ.

