ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަކީ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ބެލުމެއްނެތި ތަފާތު ޚިޔާލުގެ މީހުން ގޮވައިގެން އުޅެން އެނގޭ ރައީސެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
ސައުދު ވިދާޅުވިގޮތުގައި ރައީސް ސޯލިހުއަކީ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެއްބަޔަކާއިއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް އެކަމުގެ ކާމިޔާބު ހޯދާފައިވާ ބޭފުޅެކެވެ. އަދި ބޭސްފަރުވާއާއި، ބަނދަރާއި، ނަރުދަމާގެ އެންމެހައި ކަންކަން މިސަރުކާރުން ފޯރުކޮށްނުދޭ އެއްވެސް ރަށެއް ރާއްޖޭގައި ނެތްކަން ސައުދު ފާހަނގަކޮށްލިއެވެ.
އެހެންކަމުން މިސަރުކާރުގައި އެއްވެސް ރައްޔިތެއްގެ ހައްޤެއް އުނިވާގޮތަކަށް ކަންތައް ނުކުރާނެކަމުގެ ޔަޤީންކަން ސައުދުވަނީ ދީފައެވެ. އަދި އެކަމަށް މެމްބަރު އުޝާމްވެސް ހެކިވާނެކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު މިފަދައިން ވިދާޅުވީ ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް ތާއީދު ކުރި ކަމުގައި ވީނަމަވެސް، އެއްވެސް މީހަކަށް ލިބެންޖެހޭ އަސާސީ ހައްގަކުން މަހުރޫމް ނުކުރެވޭނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބް ރައީސް އަހުމަދު އުޝާމް ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކަށް ގެންނަމުންދާ ތަރައްޤީ ފާހަނގަކުރައްވަމުން ސައުދު އިތުރަށް ވިދާޅުވީ އެންމެ އަސާސީ ޚިދުމަތްތަކުގެ ގޮތުގައި ޤާނޫނުން ކަށަވަރުކޮށްދޭ އެންމެހައި ކަންކަން ފަސޭހައިން ހުރިހާ ރަށަކުންވެސް ލިބޭނެ ޚިދުމަތް ގާއިމްކޮށް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

