އެހެންމީހުންގެ ވާހަކަ ދައްކާނަމަ އެމީހުންނާއި ގުޅޭ ގޮތުން ހެޔޮ ވާހަކަ ދެއްކުމަށާއި ނޫންނަމަ ހަނު ހުރުމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބުނު މޫސާ މެންކް ވަނީ ވިދާޅުވެފައެވެ.
މުފްތީ މެންކްގެ ދަރުހެއްގައި އެމަނިކުފާނު ވިދާޅުވީ މި އިރުޝާދަކީ އޭނާގެ އަމިއްލަ ބަސް ނޫން ކަމަށާއި މިއީ އިސްލާމް ދީނުގައި އެކަން އަންގަވާފައިވާ ގޮތް ކަމަށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.
عَنْ أَبِى هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ، فَلْيَقُلْ خَيْرًا أَوْلِيَصْمُتْ
”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮ ބަސް ބުނާށެވެ. ނޫނީ ހަނު ހުންނާށެވެ.”
“އަމިއްލަ ނަފްސާއި ސުވާލު ކޮށްލާ! އާޚިރަތެއް އެބައޮތް ކަމެއް ޤަބޫލު ކުރަން ހެއްޔެވެ؟ ތިބާ ކުރި ކަންތައްތަކާއި ބުނި ބަސްތަކާއި މެދު ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތް ކަމަށް ޤަބޫލު ކުރަން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އެކަން ތިބާގެ ޢަމަލުތަކުންނާއި ބުނާ ބަސްތަކުން ދައްކަން ޖެހޭނެ” – މުފްތީ މެންކް
މެންކް ވިދާޅުވީ ﷲ އަށާއި އާޚިރަތް ދުވަހަށް، އިޚްލާޞްތެރިކަމާއެކު އީމާންވާ މީހާ، ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރާއިރު ވެސް ފަރުވާތެރިވާނެ ކަމަށާއި ސަބަބަކީ އެކަންކަމަކީ އެމީހާގެ އީމާންކަން ވަޒަންކޮށްދޭ ހެކިތައް ކަމަށެވެ.
”އެފަދަ މީހުން ވިސްނާނެ، އަހަންނަކީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހެއް، އަހަރެން (ނުބައި ޢަމަލެއް ކުރަން) ކަންބޮޑުވޭ، މީހަކާއި މެދު ވާހަކަ ދައްކާނަމަ ދައްކަންވާނީ އެމީހެއްގެ ހެޔޮ ވާހަކަ” މުފްތީ ވިދާޅުވިއެވެ.

