ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މާދަމާ ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިއީ ދިވެހިރާއްޖެއާ ތުރުކީއާއި ސިޔާސީ ގުޅުން ޤާއިމްކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ރާއްޖޭގައި — ފޮޓޯ: ފޮރިން މިނިސްޓްރީ
ތުރުކީއާއެކު ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ދިވެހިސަރުކާރާ ތުރުކީ ސަރުކާރާ އެކު ރަސްމީ ވާހަކަތައް މާދަމާ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރަސްމީ ވާހަކައިގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް މާދަމާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

