ކޮވިޑް-19އަށް ޓެސްޓު ކުރުމަށްފަހު ހަތް މިނެޓް ތެރޭ ނަތީޖާ ލިބޭ ކޮވިޑް-19 އެންޓިޖެން ޓެސްޓް ކިޓް، މިހާރު ގދ.ތިނަދޫއިންވެސް ލިބެންހުންނާނެއެވެ.
“ލިބޭ އޮންލައިން”އިން ރާއްޖެ އެތެރެކޮށް މާކެޓްކުރަމުންދާ ކޮވި ސެލްފް ޓެސްޓު ކިޓް ލިބެންހުންނާނީ ގދ.ތިނަދޫ އަލިހަވާ ޓްރޭޑާސްއިންނެވެ. މިއަދުން ފެށިގެން އެފިހާރައިން މިކިޓް ވިއްކަމުންދާނެއެވެ.
ލިބޭ އޮންލައިނުން ހާމަކުރިގޮތުގައި އަމިއްލައަށް ކޮވިޑް ޓެސްޓުކުރުމަށްފަހު އަވަސް ނަތީޖާ ލިބޭ މިކިޓް ރާއްޖެ އެތެރެކޮށް ވިއްކަން ފެށުމުން ގިނަ ދުވަސްތަކެއްނުވެ ވަރަށް ބޮޑު ޑިމާންޑެއް ލިބިފައިވާ ކަމަށާއި މިހާރު އަތޮޅު ތެރޭގެ ގިނަ ފިހާރަތަކުން މި ކިޓް ލިބޭނެ ކަމަށެވެ.
ކޮވިސެލްފް ކިޓަކީ އިންޑިޔާގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ “މައިލެބް ޑިސްކަވަރީ ސޮލިއުޝަންސް” އިން އުފައްދާފައިވާ، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައި.ސީ.އެމް.އާރު) އިން ހުއްދަދިން ފުރަތަމަ ޓެސްޓު ކިޓެވެ.
މި ކިޓާއެކު މަޢުލޫމާތު ކާޑަކާއި، ޓެސްޓު ކުރުމަށް ބޭނުންވާ މާއްދާއެއް ހިމެނޭ ޓިއުބަކާއި، ނޭސަލް ސްވެބަކާއި އެއް ޓެސްޓް ކާޑު އޮންނާނެއެވެ. ޓެސްޓް ކުރަން ފެށުމުގެ ކުރިން ކިޓުގައި އޮންނަ މަޢުލޫމާތު ކާޑު ރަނގަޅަށް ކިޔާލަން ވާނެއެވެ. އަދި ޓެސްޓް ކިޓް ބޭނުންކުރަން ފެށުމުގެ ކުރިން އޭގައިވާ ތަކެތި ބަހައްޓާ ތަން ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ. އޭގެ އިތުރުން އަތްދޮވެ ފެންހިއްކުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ.
ޓެސްޓުކުރާނެގޮތް:
ކިޓްގެ ތެރޭގައިވާ ނޭސަލް ސްވެބް ނޭފަތުގެ އެތެރެޔަށް 2 ސެންޓިމީޓަރާއި 4 ސެންޓިމީޓަރާ ދެމެދު ލެއްވުމަށްފަހު ހަތަރު ވަރަކަށް ފަހަރު މަޑުމަޑުން އަބުރާލާށެވެ. މިގޮތުގެމަތީން ނޭފަތުގެ ދެފަރާތަށްވެސް ސްވެބް ލައްވަން ވާނެއެވެ. ދެން އެސްވެބް ސޮލިއުޝަން އެކުލެވޭ ޓިއުބްގެ ތެރެޔަށް ލާނީއެވެ. ސްވެބްގައި ރަނގަޅަށް ސޮލިއުޝަން ހޭކެންދެން ތަޅުވާލުމަށްފަހު، ޓިއުބުގެ މަތިޖެހޭ ހިސާބުން ބިންދާލައި ޓިއުބުގެ މަތިޖަހައި ބަންދުކުރާނީއެވެ. ދެން ޓިއުބުގައިވާ ސޮލިއުޝަން އިން ދެ ތިކި، ޓެސްޓިން ކާޑަށް ޖައްސާލުމުން ކުޑައިރުކޮޅެއް ތެރޭގައި ނަތީޖާ ދައްކައިދޭނެއެވެ.
5 ނޫނީ 7 މިނެޓްތެރޭ ނަތީޖާ ލިބޭނެއެވެ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ 15 މިނެޓުވަންދެން މަޑުކުރުމެވެ. އަދި ނަތީޖާ ނުފެނި 20 މިނެޓަށްވުރެ ގިނައިރު ވެއްޖެނަމަ އަލުން ޓެސްޓް ހަދަން ވާނެއެވެ. އެއްފަހަރު ބޭނުންކޮށްފައިވާ ކިޓަކުން ދެވަނަ ފަހަރަށް ޓެސްޓް ނުކުރެވޭނެއެވެ
ޓެސްޓު ކުރުމަށްފަހު ނަތީޖާ ބަލާނެގޮތް:
ކިޓްގައި އިންނަ (ސީ)ގެ ނިޝާން ފެންނަ ނަމަ ނަތީޖާ ނެގެޓިވްއެވެ. އެހެންނަމަވެސް (ސީ) އަދި (ޓީ) މިދެނިޝާން ފެނިއްޖެނަމަ އޭގެ މާނައަކީ ކޮވިޑަށް ފައްސިއެވެ.
މި ކިޓް ބޭނުންކުރުމަށްފަހު ރައްކާތެރިކަމާއެކު ނައްތާލަންވާނެއެވެ.

