ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން އަތްނުލެވޭނެ ކަމަށާއި އެމަނިކުފާނު ދެން ޖަލަށްވެސް ނުލެވޭނެކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރޯދަމަހަށް ހަނދު ބަލާއިރު ޔާމީން އޮންނާނީ ޖަލުގައި ކަމަށެވެ. އެހެންކަމުން ޝިފާޒްއަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ދެން ޔާމީން ޖަލަށްވެސް ނުލެވޭނެ ކަމަށާއި ޔާމީންގެ ހަށިކޮޅުގައި އިނގިލި ކުރިވެސް ޖައްސާ ނުލެވޭނެކަމަށެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ނަން ފާހަގަކުރައްވާ ރައީސް ޔާމީނާ ކުޅުއްވަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.
ހަސަން ލަތީފެއްކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ.. އަދުރޭ ވިދާޅުވިއެވެ.
ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ޕާޓީތަކުގެ މެދުގައި ގަދަވެފައިވަނިކޮށް ސަރުކާރުންދަނީ ކޮމަންޑޫ ދާއިރާއަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. އިދިކޮޅުން ބުނާގޮތުގައި މިއީ ބައިއިލެކްޝަންގެ ކެމްޕެއިނަށް ޖައްސާ ޖަރީމާތަކެކެވެ. އަދި މިސަރުކާރުން ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ނުފޫޒް ފޯރުވަން މަސައްކަތްކުރާކަމަށް ވަނީ ތުހުމަތުކުރައްވާފައެވެ.
މިކަމާ ގުޅިގެން އަދުރޭ ވިދާޅުވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރަކުން ކަމެއް ކޮށްދީފައި އޮތްނަމަ އެކަމެއް ކޮށްދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އެ ދާއިރާ ފެނިފައި ނުވާކަމަށެވެ.

