ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ފަހަކަށް އައިސް ޓްރެންޑް ވެފައިވާ ޒުވާނުންގެ މެދުގައި މަޤްބޫލު ކަމެކެވެ. ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާކަމެއް ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލާއިރު މިއީ ކިހާބޮޑު ނުރައްކަލަކަށް އެމީހާ ހުށަހެޅިގެން ހިގައިދާނެ ނުވަތަ އެމީހާގެ ދިރިއުޅުމަށް އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއް އަންދާޒާ ނުކުރެވެއެވެ.
“ފީލިންގ ޕެއިންޑް”، “ފީލިންގ ލަވްޑް”، “ފީލިންގ އެލޯން”، “ފީލިންގ ލޯންލީ” ފަދަ ތަފާތު ފޭސްބުކް ސްޓޭޓަސް ތަކަކީ ބައެއް ޒުވާނުންގެ ސޯޝަލް މީޑިޔާއިން އާންމުވެފައިވާ ތަފާތު ސްޓޭޓަސްއެވެ. މިފަދަ ސްޓޭޓަސްތަކުން އެމީހެއްގެ ދިރިއުޅުމުގެ ހާލަތު، ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. ސޯޝަލް މީޑިޔާއަކީ، ތަފާތު ވައްތަރުގެ މީހުން ބޭނުންކުރާ ޕްލެޓް ފޯމަކަށް ވުމުން، ތަފާތު ނަން ނަމުގައި ސޯޝަލް މީޑިޔާގައި ތަފާތު ގޮތްނޭނގޭ މީހުން ފޮރުވިގެން އުޅެއެވެ. މިފަދަ ކޮންމެ ސްޓޭޓަސް އަކީ، ތިބާ ހުރި ހާލަތު ދެނެގަނެ، ތިބާގެ ސިކުނޑިއާއި ކުޅެލުމަށް އެފަދަ ފަރާތްތަކަސް ދެވޭ ދަޢުވަތެކެވެ.
ދިރިއުޅުމުގައި ލިބޭ ކާމިޔާބީތަކާއި، ކުރިއެރުންތައް ސޯޝަލް މީޑިޔާގައި އެކުވެރިންނާއި އެންމެންނަށް ހިއްސާކުރުމަކީ ގިނަބަޔަކު އާންމުކޮށް ކުރާކަމެކެވެ. ގިނަ މީހުންނަކީ އަމިއްލަ ލިބޭ ކާމިޔާބީ، ގިނަ މީހުންނަށް ދެއްކުމަށް ލޯބިކުރާ ބައެކެވެ. ނަމަވެސް މިއީ ފަހަރެއްގައި އެހެން ބަޔަކު ތިބާއާއި ދޭތެރޭ ހަސަދަވެރިވުމަށް ހުޅުވާލެވޭ ދޮރަކަށްވެސް ބައެއްފަހަރު ވެގެން ދެއެވެ.
ކުޑަކުދިންގެ ތަފާތު ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރުމަށް ގިނަބަޔަކު ލޯބި ކުރެއެވެ. އަމިއްލަ ކުދިންނާއި، އާއިލީ ކުދިންގެ ތަފާތު ފޮޓޯތައް އެކި މުނާސަބަތުތަކާއި، އާއިލީ ބައްދަލުވުންތަކާއި ގުޅުވައިގެން ނަގައި ފޭސްބުކް ފަދަ ތަފާތު ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަކީ، ތާފާތު މީހުންގެ ލޯތައް އެކުދިންނަށް އަމާޒުވެ، އެސްފީނާގެ ނުރައްކަލަށް އެކުދިން ހުށަހެޅިގެންދާ ސަބަބެކެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާކަމެއް ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލުމުން، ސޯޝަލް މީޑިޔާގެ ތަފާތު ސްޓޭޓަސްތަކުގެ އެހީގައި، އެމީހެއްގެ ވިސްނުމާއި، ފިކުރު، ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. އެމީހަކު ލޯބިކުރާ ކަންތައްތަކާއި، ބިރުގަންނަ ކަންތައްތަކާއި، ދިރިއުޅުމުގެ ހާލަތު، ފަދަ އެމީހަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ތަފާތު ނަންނަމުގައި ސޯޝަލް މީޑިޔާގައި ފޮރުވިފައިވާ ފަރާތްތަކަށް ދެނެގަނެވެއެވެ.
ދެމަފިރިންގެ ދޭތެރޭގައި މައްސަލަޖެހިގެން އުޅޭކަން ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ރުޅިވެގެން އުޅޭކަން ފަދަ މަޢުލޫމާތު ހިއްސާކުރުމުން، ތިބާއަށް ލަނޑުދޭން ނުވަތަ، ގެއްލުމެއް ދޭން، ފުރުޞަތަކަށް ބަލަބަލާ ހުންނަ މީހަކަށް ތިބާގެ ސިކުނޑިއާއި ކުޅެލުމަށް އެދެވެނީ ރަނުގެ ފުރުޞަތެކެވެ. ސޯޝަލް މީޑިއާއަކީ، ކޮންމެ މީހަކަށް ކޮންމެ މީހެއްގެ ފޮޓޯއެއް ބޭނުންކޮށްގެން ތަފާތު އެކައުންޓް ހަދައިގެން އަސްލު އޮޅުވާލައިގެން އުޅުމުގެ ފުރުޞަތު އޮންނަ ތަނަކަށްވާތީ، އަމިއްލަ ދިރިއުޅުމަށް ތިބާއަށް ދައުވަތު ދެވެވެނީ ކިހާބޮޑު ނުރައްކަލެއްކަން ގިނަފަހަރު އެނގެނީ ކަންވެ ނިމޭ ހިސާބުންނެވެ. ހަޤީޤަތް ދެނެގަނެވޭއިރު، ގިނަފަހަރު އޮންނަނީ، އަމިއްލަ ދިރިއުޅުން ވިއްސި ވިހާލިވެ، އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވިފައެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާކަމެއް ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލުން ނުރައްކާތެރި ކަމަކަށްވުމުގެ އިތުރުން، ތިބާގެދުނިޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބަނަކޮށްލާނެ ވަޞީލަތަކަށް ސޯޝަލް މީޑިޔާ ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

