ޕާކިންސަންސް ޑިޒީޒް ނުވަތަ ތުރުތުރު އެޅުމުގެ މައްސަލަ އަކީ ސިކުނޑިއަށް ކުރިމަތިވާ މައްސަލައެކެވެ. މި ބަލީގެ ސަބަބުން މީހާ ތުރުތުރުއަޅައި، ހިނގަންއުނދަގޫވެ މީހާ ބެލެންސްކުރަން އުނދަގޫވެއެވެ. އަދި ބަލީގައި ބޮޑުވަރުވާއިރު މީހާއަށް ވާހަކަދައްކަންވެސް އުނދަގޫވާ ފަހަރު އާދެއެވެ.
ތުރުތުރު އެޅުމަކީ ވަރަށް އާދައިގެ ގޮތަކަށް ފެށިގެން ދުވަސްވުމުން ގޯސްވާ ބައްޔެކެވެ. ބަލި އިތުރަށް ގޯސްވާ ވަރަކަށް މީހުންނަށް ހިނގުމަށާއި ވާހަކަ ދެއްކުމަށް ދަތިތަކެއް ކުރިމަތި ކުރުވައެވެ. ޕާކިންސަންސް ބަލީގެ ސަބަބުން، ބަލި ކުރިމަތިވެފައިވާ މީހުންގެ ވިސްނުމާއި، އުޅުމަށް ބޮޑެތި ބަދަލުތައް ކުރިމަތި ކުރުވައެވެ. މީގެ އިތުރުންވެސް، ތަފާތު ސިއްޙީ މައްސަލަތއް ކަމުގައިވާ، ޑިޕްރެޝަން، ރަނގަޅަށް ނުނިދުން، ހަނދާނުގެ މައްސަލަތައް ކުރިމަތިވެގެންދެއެވެ.
ދެ ޖިންސުގެ މީހުންނަށް މިބަލި ކުރިމަތިވާއިރު، ނަމަވެސް މިބަލި ފިރިހެނުންނަށް ވުރެ 50 އިންސައްތަ އިތުރަށް އަންހެނުންނަށް މިބަލި ކުރިމަތި ވެއެވެ.
މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މުޅި ދުނިޔެއިން ބަލާއިރު މި ބަލި ޖެހިފައިވާ މީހުންގެ ތެެރޭގައި 10 މިލިއަން މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެެއް ނޫނެވެ. ބަލި ޖެހިފައިވާ ކޮންމެ 10 މީހަކުން 1 އަކީ އުމުރުން 50 އަހަރުން ދަށްމީހެކެވެ.
މި ބަލީގެ ބައެއް އަލާމާތްތައް:
- އަތާއި ފައި ތުރުތުރުއެޅުން
- ހަރަކާތްކުރަން އުނދަގޫވުން
- ހިނގާއިރު ނުވަތަ ކޮށްޅަށް ހުންނައިރު ބެލެންސް ނުވުން.
މި ބަލި ޖެހެން މެދުވެރިވާ ސަބަބެއް މިހާތަނަށް ހޯދިފައި ނުވެއެވެ. ނަމަވެސް ބައެއް މާހިރުން ލަފާކުރާ ގޮތުގައި މި ބަލި ޖެހެން މެދުވެރިވާ ސަބަބަކަށް އެމީހަކު ދިރިއުޅޭ މާހައުލު އަދި އާއިލީގޮތުން ވާރުތަވުން ވުމަކީވެސް އެކަށިގެންވާ ކަމެކެވެ.
މި ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއެއްކަމަށް ހޯދުންތަކުން ދައްކަނީ ގަވައިދުން ކަސްރަތުކުރުމެވެ. ގަވައިދުން ކަސްރަތުކުރަނަމަ ބެެލެންސް ކުރުމާއި އަދި ހިނގުމަށް އެހީތެރިވެދެއެވެ. ގަވައިދުން ކަސްރަތުކުރާނަމަ ދުރު މުސްތަޤްބަލަށްވެސް މިކަމުގެ ފައިދާ ކުރާނެކަމަށް ހޯދުންތަކުން ދައްކައެވެ. މީގެއިތުރުން މަސައްކަތް ކުރުމަކީވެސް މި ބަލި ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޝާމިލްވެ އުޅުމަކީ މީހާގެ ހަށިގަނޑަށް ކަސްރަތު ލިއްބައިދޭނެކަމެކެވެ.

