2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ ރައްތިޔުންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކުރާނެކަމަށް ޕީޕީއެމުން މިއަދު ވިދާޅުވެއްޖެއެވެ.
ޕާޓީގެ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމް ސަރުކާރެއްގައި ވަޒީފާ ދޭނީ ޕީޕީއެމްގެ މީހުންނަށް އެކަނި ކަމަށެވެ. ޔާމީން މިހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެޕާޓީއަށް ފާޑުކިޔާ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އެހެންކަމުން ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެހަބަރު މީޑިއާތަކުން ގެނެސްދީފައިވާ ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި އަތޮޅުތެރޭ ތިބި ޕީޕީއެމްގެ މެމްބަރުން ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވިނަމަވެސް ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދޭނެ ކަމަށް ޔާމީން ވިދާޅުވެފައިނުވާކަމަށެވެ.
ބަޔާނުގައި ބުނާގޮތުން ޔާމީންގެ ސަރުކާރުގައި ރެކޯޑް އަދަދަކަށް ވަޒީފާތައް އުފެއްދުމަށްފަހު މީހުންނަށް ވަޒީފާ ކަށަވަރުކޮށްދީފައިވެއެވެ.
ބަޔާނުގައި މިހެން ބުނެފައިވީނަމަވެސް ކުރިން ބޭއްވުނު ބައްދަލުވުމުގައި ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމް ސަރުކާރެއްގައި ވަޒީފާ ލިބޭނީ ޕާޓީގެ މެންބަރުންނަށް ކަމަށެވެ.

