ގދ މަޑަވެލިން އަދި ހޯނޑެއްދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެގޮތުން މަޑަވެލިން މިއަދު 33 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ހޯނޑެއްދޫއިން ވަނީ 34 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.
މަޑަވެލިން މިއަދު ފައްސިވި 33 މީހުންނާއެކު މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 73 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހޯނޑެއްދޫ އިން 34 މީހަކު ފައްސިވެ އެރަށުގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 52 އަށް އަރާފައެވެ. މިއީ މިފަހުން އެދެރަށުންވެސް އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ދުވަހެވެ.
މީގެ އިތުރުން ގދ ގައްދޫއިން ވަނީ 26 މީހަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 37 އަށް އަރާފައެވެ. ގައްދޫއިން ޖުމްލަ 156 މީހަކު ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 119 މީހެކެވެ.
މިއަދު އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވެފައިވަނީ ގދ ތިނަދޫއިންނެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު 60 މީހަކު ހިމެނޭހެން ފްލޫ ކްލިނިކަށް ދެއްކި 12 މީހުންނާއެކީ ޖުމްލަ ފައްސިވި އަދަދަކީ 72 މީހުންނެވެ. ތިނަދޫއިން މިހާތަނަށް 1757 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1384 މީހެކެވެ. ތިނަދޫއިން މިއަދު ފައްސިވި 72 މީހުންނާއެކު ތިނަދޫ އެކްޓިވް ކޭސްގެ އަދަދުވަނީ 368 އަށް އަރާފައެވެ
މީގެ އިތުރުން ގދ ވާދޫއިން 13 މީހަކާއި، ފިޔޯރީއިން 4، ފަރެސްމާތޮޑާއިން 4 މީހެއްގެ އިތުރުން ނަޑެއްލާއިން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިއަދުގެ ހިސާބުތަކަށް ބަލާއިރު ރަތަފަންދޫއިން އިތުރު ކޭސްއެއް ފެނިފައިނުވާއިރު ފައްސިވި އެންމެން ވަނީ ބަލިން ފަސޭހަވެފައެވެ.

