ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހެދި ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ޚިދުމަތް ދޭން ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވި ގޮތުގައި ކުރީގެ ސީޕްލޭން ޓާމިނަލް ހުންނަނީ އާ ރަންވޭގެ ކައިރީގައި ކަމަށްވާތީ އެރަންވޭއަށް ފްލައިޓް ޖެއްސުމަކީ ވަރަށް ނުރައްކާތެރި އަދި ބައިނަލް އަޤުވާވީ މިންގަނޑުތަކާއި ޚިލާފް ކަމެއްކަމަށެވެ. އެހެންކަމުން އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތަށް ބޭނުންކުރަން ނިންމީއެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ އާ ރަންވޭއަށް ފްލައިޓް ޖެއްސޭނީ އާ ސީޕްލޭން ޓާމިނަލްގެ ޚިދުމަތް ބަދަލުކޮށް އެއިމާރާތް ތަޅާލުމުން ކަމަށެވެ. އާ ސީޕްލޭން ޓާމިނަލް ބަދަލުކުރުމަށް އަންނަ އޭޕްރީލްމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެމްއޭސީއެލުން ވަނީ ފުރުސަތުދީފައެވެ.
ޓެކްސީވޭ އަކީ މަތިންދާބޯޓު ޖެއްސުމަށް ފަހު ރަންވޭ އަށް އިން ނުކުމެ ޕާކު ކުރަން ދާ މަގަށް ކިޔާ ނަމެވެ. މިހާރު ވެސް ޓެކްސީވޭގެ ގޮތުގައި ބޭނުން ކުރަނީ ރަންވޭއެވެ. މީގެ ސަބަބުން ފްލައިޓުތަކަށް ރަންވޭ ކްލައިއާ ކުރަން ގިނަ ވަގުތު ނަގަ އެވެ. ނަމަވެސް އާ ރަންވޭ ޓެކްސީވޭގެ ގޮތުގައި ބޭނުން ކުރަން ފެށުމުން އެއާލައިންތަކާއި ފަސިންޖަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
މީގެއިތުރުން ކުރިން ގަޑިއިރެއްގެ ތެރޭ ޓޭކްއޮފް އަދި ލޭންޑިން ޚިދުމަތް ދެގުނަ އިތުރުވެގެންދާނެކަން ޝަމްއާން ފާހަނގަކުރިއެވެ.
އެމްއޭސީއެލުން ހާމަކުރި ގޮތުގައި އާ ރަންވޭގައި ފްލައިޓުތައް ޖައްސަން ފެށުމުން މިހާރު ބޭނުން ކުރާ ރަންވޭ، ޓެކްސީވޭއަކަށް ބަދަލުވާނެއެވެ.

