ގދ. ނަޑެއްލާގައި ކޮވިޑް19 ފެތުރި ރަށް މޮނިޓަރިންގ ހާލަތަށް އައުމާއި އެކު، ތަފާތު ޖަމްޢިއްޔާތަކާއި، އަވައްޓެރި ރަށްތަކުން، ގިނަފަރާތެއްގެ އެހީތެރިކަން އެރަށަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ހަވަރު ސްޕޯރޓްސް ރެކްރިއޭޝަން ކްލަބާއި ތިނަދޫ ކައުންސިލް، ތިނަދޫގެ ވިޔަފާރިވެރިންނާއި، އަމިއްލަ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު ނަޑައްލާއަށް އެހީތެރިވުމަށް ތަފާތު ތަކެތި ވަނީ އެއްކުރެވިފައެވެ. މިގޮތުން ތިނަދޫން އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ނަޑައްލާގެ ރައްޔިތުންނާއި ހަވާލުކުރުމަށް، ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުލް މުޢުނީ، ގދ. އަތޮޅު ކައުންސިލްގެ ރައީސް، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ހިމޭނޭގޮތަށް ޚާއްސަ ވަފްދެއް ވަނީ ނަޑެއްލާއަށް ގޮސްފައެވެ.
މިވަފްދުގައި ހިމެނޭ އިތުރުމެމްބަރުންގެ ތެރޭގައި، ތިނަދޫ ކައުންސިލް މެމްބަރ ނަޞްރު، ތިނަދޫ ކައުންސިލް މެބްރަ ޒަލީފް، ހަވަރު ސްޕޯރޓްސްގެ ނާއިބްރައީސް ޔާސިރު، އަދި އަތޮޅު ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް ހިމެނެއެވެ.
ތިނަދޫ އިން ނަޑެއްލާގެ ރައްޔިތުންނަށް އެހީ ފޮނުވުމަށްޓަކައި އިއްޔެ ތިނަދޫ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ތަކެތި ވަނީ އެހީގެ ގޮތުގައި ފޮނުވުމަށް ކައުންސިލަށް ލިބިފައެވެ.
އެ ގޮތުން ތިނަދޫއިން ނަޑެއްލާ އަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި
65 ބަސްތާ ހަނޑޫ
25 ބަސްތާ ފުށް
200 ކޭސް ފެން
40 މަސްދަޅު ކޭސް
21 ކޭސް ނޫޑުލްސް
9 ބަސްތާ ފިޔާ
މީގެ އިތުރުންވެސް ބައެއް އިތުރު ސާމާނުތައް ފޮނުވާފައިވާ ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތުދެއްވިއެވެ.
ނަޑެއްލާ އަށް އެހީ ފޮނުވުމުގައި ތިނަދޫ ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން ރަށުގެ ވިޔާފާރިވެރިންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ވަނީ ލިބިފައެވެ. އަދި ރަށުގައި ހިންގާ ކުލަބް ޖަމިއްޔާ އެއް ކަމުގައިވާ ހަވަރު ސުޕޯޓްސް އިންވެސް ވަނީ އެހީގެ ގޮތުގައި ތަކެތި ފޮނުވާފައެވެ. މީގެ އިތުރުން މިފްކޯއިން ވެސް ވަނީ ނަޑެއްލާގެ ރައްޔިތުންނަށް އެހީ ފޮނުވާފައެވެ.
މީގެ ހަފްތާ އެއްހާ ދުވަސް ކުރިން ނަޑެއްލާއިން ކޮވިޑް ކޭސްއެއް ފެނި ރަށް މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައިވާ އިރު އެންމެ އަސާސީ މުދާތައް ލިބިގަތުމުގައިވެސް އެ ރަށުގެ ރައްޔިތުންނަށް ވަނީ އުދަގޫތަކަކާއި ކުރިމަތިވެފައެވެ. ނަޑެއްލާއިން ފާއިތުވި 24 ގަޑިއިރު ކޮވިޑް ކޭހެއް ފެނިފައިވާ އިރު އެކްޓިވް ކޭހުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.

