ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ދައުލަތުން ކޮށްފައިވާ ދެދައުވާގެ ހުކުމް އިއްވުން ކޯޓުން އަވަސްކުރި ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ މައްޗަށް ހުކުމްކުރުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން އެކުލަވާލައި އާންމުކޮށްފައިވާ ތާރީޚަކީ މިއަހަރު ނޮވެމްބަރ 25އެވެ. ނަމަވެސް ކުއްލިއަކަށް މިތާރީޚް އަވަސްކޮށް އަންނަ ޖޫން މަހު 30 އަށް މިވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން މިތާރީޚް ކުއްލިއަކަށް ބަދަލުކުރަންޖެހުނީ ކީއްވެގެންތޯ އިދިކޮޅު ކޯލިޝަނުން ބަލަން ބޭނުންވެއެވެ. އަދި މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ބުނެފައިވަނީ، ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެނދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި މުޅިން ޚިލާފު ކަމެއްކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ކޮންމެ ދެދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަމަށް ވަނީ ބުނެފައެވެ.
ޔާމީންގެ ޝަރީޢަތް އަވަސްކުރީ، ޖޭއެސްސީންނާއި ޖުޑީޝަރީ ކޮމިޓީން ނުފޫޒް ފޯރުވައިގެންކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ތުހުމަތުކުރެއެވެ.
އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގ އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

