ސައިކަލެއްގެ މަޑިދަށުން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.
މާލޭ ޑީޑީ ކްލިނިކް ކައިރީގައި ސައިކަލް ޕާކްކުރުމަށްފަހު ވެރިފަރާތް ކްލިނިކަށް ވަދެފަ ނުކުތްއިރު ސައިކަލް މަޑިދަށުގައި ހުރި ފައިސާ ވަނީ ވަގަށް ނަގާފައެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެދުނު 9:40 އެހާކަންހާއިރުއެވެ.
މައުލޫމާތު ލިބުނުގޮތުގައި އެސައިކަލުގެ މަޑިދަށުގައި 130،000 ދިވެހި ރުފިޔާ ހުންނާނެއެވެ. އެ ސައިކަލުގެ ވެރިފަރާތަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ގާތުގައި ވަޒީފާ އަދާ ކުރާ މީހެކެވެ.
މިވައްކަން ކުރިތަން ސީސީޓީވީން ފެންނަން ހުއްޓެވެ. ފުލުހުންވަނީ އެ ފުޓޭޖް ތަހުޤީގަށް ގެންގޮސްފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މުށިކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ސައިކަލް މަތީގައި ގިނައިރު އިށީނދެގެން އިނދެއެވެ. އެހެން އިނދެ މަޑިހުޅުވީއެވެ. މަޑިހުޅުވުމަށްފަހު ފައިސާތައް ކޮތަޅަކަށް އަޅައިގެން އެމީހާ ދިޔައީއެވެ. އެމީހާ ހުރީ މާސްކުވެސް ނާޅައެވެ.
މަޑިފޭރުމަކީ މާލޭގައި އާންމު ކަމަށްވެފައިވާއިރު މަޑިދަށުގައި އަގުބޮޑު ތަކެއްޗާއި ފައިސާ ނުބަހައްޓަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

