ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެމްޓީސީސީން ވަޒީފާގެ ފުރުސަތު ހުޅުވާފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ކުރިއަށްގެންދާ "ހުނަވަރު" ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރުވެސް އެކުންފުނީގައި ތިރީހަށްވުރެ ގިން ކުދިން ވަޒީފާ އަދާކުރަމުންގެންދާ ކަމަށާއި އަދިވެސް އެހެންކުދިންނަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކުދިންނަށްވެސް މަރުހަބާ ކިޔާ ކަމަށެވެ.
"އެމްޓީސީސީގަ މިހާރުވެސް ވަޒީފާއަދާ ކުރޭ ޚާއްސަ އެހީއަށް ބޭނުންވާ ތިރީހަށް ވުރެ ގިނަ ކުދިން. މިހާރު މި ހުޅުވާލި ފުރުސަތުގައި ވެސް އެފަދަ ކުދިންނަށް ޖާގަ އޮންނާނެ. މި ކުންފުންޏަކީ ވަކި ޖިންސަކަށް، ވަޒީފާ ދޭނެ ކުންފުންޏެއް ނޫން. އެންމެހައި ދިވެހިންނަށް ފުރުސަތު އޮންނާނެ." އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެކުންފުނީގެ ވަޒީފައި އުޅޭ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެހެން މުވައްޒަފުންނެކޭ އެއްވަރަށް މުސާރައާއި އެލަވެންސް ލިބުގެންދާ ކަމަށާއި ކުދިން ވަޒީފާއަށް ނެރޭނީ ފުރިހަމަ ތަމްރީނު ދިނުމަށްފަހުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

