ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އަލާމާތެއް ނެތްނަމަ ކަރަންޓީންވާން ނުޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ބަލީގެ ކޮންޓެކްޓުންނަށް ކަރަންޓީން ކުރަން ޖެހޭ މުއްދަތު ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެޗްޕީއޭއިން ބުނީ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ތިބި މީހުންގެ ކޮވިޑްގެ އަލާމާތެއް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ފަސް ދުވަސް ހަމަވުމުން ސާމްޕަލް ނަގަން ޖެހޭނެ ކަމަށް އެޗްޕީއޭ ބުންޏެވެ.
އަދި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ކޮންޓެންޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި ނަތީޖާ ލިބެން ދެން ހުންނަން ޖެހޭނީ ކަރަންޓީންގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެޗްޕީއޭ އިން މިއަދު ބުނީ އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށެވެ. މި ޓެސްޓުން ޕޮޒިޓިވްވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ މިއަދު ނެރުނު އާ ގަވާއިދުގައި އޮތް ގޮތަށެވެ.
އެކަމަކު މި ޓެސްޓް ހަދާ މީހުންނަށް ކަރަންޓީނު ޑޮކިއުމެންޓް ދޫކުރާނީ ކޮވިޑް ޓެސްޓް ހަދަން ރަޖިސްޓާކޮށްފައިވާ ލެބެއްގައި ޓެސްޓް ހެދުމުން އެކަންޏެވެ.
މާދަމާއިން ފެށިގެން މިގޮތަށް އަމަލުކުރަން ފަށާއިރު، މިގޮތަށް އަމަލުކުރާނީ ވެކްސިންގެ ތިން ޑޯޒު ފުރިހަމަކޮށްފައިވާ މީހުން އެކަންޏެވެ. ހުރިހާ ޑޯޒެއް ފުރިހަމަ ނުކުރާނަމަ އެމީހުން އަމަލުކުރަން ޖެހޭނީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށެވެ.
ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ މައުލޫމާތު ދޭއިރު ބަލީގެ އަލާމާތްތަކުގެ މައުލޫމާތު ފުރިހަމައަށް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައްސިވާ މީހުން އެކަހެރިވުމާއި ފައްސިވާމީހުންގެ ކޮންޓެކްޓުން ކަރަންޓީނުވުމުގައި، އެކަހެރިވުމާއި ކަރަންޓީނުވުމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

