މާލޭގައި ގޭގެޔަށް ގޮސް ވެކްސިން ޖަހައިދޭން ފަށައިފިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މާލޭގެ ގެތަކުގައި އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖަހައިދިނުމަށް ގޭގެޔަށް ދާން ފަށާފައިވާ ކަމަށާއި ވެކްސިން ޖަހަން ބޭނުންފުޅުވާ ފަރާތްތަކުން އެޗްޕީއޭގެ ހޮޓްލައިން ނަންބަރ 1976 އަށް ގުޅައި ނަން ނޯޓުކުރަން ޖެހޭ ކަމަށެވެ.
ގޭގެއަށް ގޮސް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ ދަމަނަވެށީގެ ވެކްސިން ޓީމުތަކުންނެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާގައި ބުނާގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުން މާދަމާއިން ފެށިގެން ކަރަންޓީނުވާން ނުޖެހެއެވެ. އެހެންކަމުން ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 397،615 އަށް އަރާފައިވާއިރު 369،820 މީހުން މިވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 72،825 އަށް އަރައިފައެވެ.

