ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ފަށަން ނިންމާފައިވާ ޑިޖިޓަލް ބޭންކްގެ ނަމަކީ "އިވޯލްވް" ކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު އެގޮތަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އަމްރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ޚިދުމަތުގެ ތެރެއަށް ވަންނަމުންދާއިރު އެ ޚިދުމަށް ފެށުމަށް އެސްޓީއޯއިންވެސް ބޭނުންވާ ކަމަށާއި، ބޭންކް ހިންގުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަރަށް އަވަހަށް ހުއްދަ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެސްޓީއޯއިން ޑިޖިޓަލް ބޭންކިންގެ ޚިދުމަށް ފެށުމަށްޓަކައި ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަުރގެ ސެޕެޓެމްބަރު މަހުގައެވެ. މީގެ ކުރިން އަމްރު ވަނީ، ޓިޖިޓަލް ބޭންކުގެ ޚިދުމަތް ފެށުމަށް އެމްއެމްއޭ އިން އެސްޓީއޯއަށް ހުއްދަ ދޭނެ ކަމަށާއި، ހުއްދަ ދިނުން ލަސްވެފައިވަނީ އެކަމާ ގުޅޭ އުސޫލެއް ނެތުމުން ކަމަށެވެ.

