ރީތި ތާރީޚާއި ދިމާކޮށް ރާއްޖޭގައި ގިނަ ކައިވެނިތައް ކުރަމުން ގެންދާތީ އެކަމާ ޝެއިޚް ޒައިދުވަނީ މުހިންމު މެސެޖެއް ދީފައެވެ.
މިއަދުގެ ތާރީޚަކީ މިއަހަރު އަންނާނެ ރީތި ތާރީޚުގެ ތެރެއިން ތާރީޚަކަށްވީއިރު މާލޭގައި އެކަނި މިއަދު 39 ކައިވެނި ވަނީ ކޮށްފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ރާއްޖެއަކީ ޒަމާނުއްސުރެ ރީތި ތާރީޚުގައި ކައިވެނިތައް ގިނަވެގެންދާ ޤައުމެކެވެ.
މިކަމާއި ގުޅިގެން ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަށްވުރެ މުހިންމީ ކައިވެނީގެ މަގްސަދުތަކާއި ގުރުބާނީތައް އެނގުން ކަމަށެވެ. އަދި ރުޅިމަޑު ކުރުމާއި ކެތްތެރިކަމާއެކު ކަންތައްތައް މެނޭޖު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޒައިދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ވަރި ގިނަ ވަނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 60 އިންސައްތަ ވަރި ގިނަ ޤައުމުގެ ރެކޯޑް ލިބިފައިވާ ޤައުމެކެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް ކުރާ ކައިވެންޏަށްވުރެ ވަރި ގިނައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުގައި ވާގޮތުން، 2018ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރި ކޮށްފައިވެއެވެ.

