ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ދިނުމުގައި އިސްކަން ދޭނީ ޕާޓީގެ ކުދިންނަށް ކަމަށާއި އިންޑިޔާ އައުޓް ކެމްޕެއިން ވެސް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
“ޗެނަލް 13” އިން ރޭ ގެނެސްދިން “އެންމެ ފުރަތަމަ ގައުމު” ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، މިސަރުކާރުގައި ފެނިގެންދަނީ އިދިކޮޅަށް ތާއީދުކުރާ މީހުންގެ އާއިލާ މީހުންވެސް ވަޒީފާއިން ވަކިކުރަމުންދާ މަންޒަރެވެ. ޔާމީންއަށް ތާއީދުކުރަން ނުކުންނަ މީހުންގެ އާއިލާ މީހަކު ސަރުކާރުގެ ވަޒީފާއެއްގައި އުޅޭނަމަ އެމީހަކު ވަޒީފާއިން ކަނޑާލާ މަންޒަރެވެ. އެހެންކަމުން ޕީޕީއެމް ސަރުކާރެއްގައިވެސް ވަޒީފާ ދިނުމުގައި އިސްކަން ދޭނީ ޕާޓީގެ ކުދިންނަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ދާދި އިހަކަށް ދުވަހުވެސް އެމްޑީޕީން ކޮމަންޑޫއަށް ގޮސް ފެނަކައިން ގިނަ ވަޒީފާ އުފައްދައި 50 ވަޒީފާ އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް ދީފައިވާއިރު ކޮލިފައިޑް މީހުންގެ ބަލާފައިނުވާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް އެމަނިކުފާނުވެސް ބަލަން ޖެހޭނެކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ މާނައަކީ ދައުލަތުގެ ހުރިހާ ވަޒީފާއެއް ޕާޓީ ކުދިންނަށް ދޭނެ ވާހަކައެއް ނޫންކަމަށް ޔާމީން ފާހަނގަކޮށްލިއެވެ.
“އެހެންވީމަ އަޅުގަނޑު ބުނިން ފުރަތަމަ އަޅުގަނޑުމެންގެ ސަރުކާރެއް ލިބިއްޖެއްޔާ އެ މީހުން އިހުތިބި މަގާމަށް އިއާދަ ކޮށްދޭނަމޭ ނޫނީ އެއަށްވުރެ ރަނގަޅު މަގާމެއް ދޭނަމޭ. އެހެންވީމަ އެކަން ކަށަވަރު ކުރުމަށްޓަކާ ރަށްރަށުގައި އުފެދޭ ވަޒީފާތައް ހާއްސަ ކުރާނަމޭ.” ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރު އައިފަހުން ފެންނަނީ ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ މީހުން ބާކީ ކުރާ މަންޒަރު ކަމަށާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ވަޒީފާތައް ހިމާޔަތްކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅުން ހިންގަމުންދާ އިންޑިޔާ އައުޓް ކެމްޕެއިން ކިތަންމެ ޤާނޫނެއް ފާސްކުރިޔަސް ނުހުއްޓުވޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ ހަރަކާތް ހިންގަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކަމަށްވާތީ އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ފާހަނގަކުރެއްވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ގެއްލުން ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

