މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައި ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބަކަށްފަހު އަންހެން މީހާއަށް އަނިޔާކޮށް އޭނާ ޒަހަމްކޮށްލުމަށްފަހު ފިރިހެން މީހާ އޭނަގެ އަމިއްލަ ހަށިގަނޑުވެސް ޒަހަމްކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ގެއެއްގައި އަންހެނަކަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށާއި، އޭނާއަށް އަނިޔާކޮށްފައިވަނީ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި އެއީ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިން ކަމަށާއި، އަންހެންމީހާ އަށް ލިބުނު ޒަޙަމްތަކަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.
ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބަކަށްފަހު ފިރިހެން މީހާ ވަނީ އަންހެން މީހާއަށް އަނިޔާކުރުމަށްފަހު އަންހެން މީހާގެ ޖިންސީ ގުނަވަން ކައިރި ޒަހަމް ކޮށްފައެވެ. އަދި އޭގެ އިތުރުން ފިރިހެން މީހާ އޭނާގެ އަމިއްލަ ހަށިގަނޑަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްފައިވާ ކަމަށާއި، އޭނާއަށްވެސް މިވަގުތު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެވެށިއަނިޔާގެ ހާދިސާ ހިނގާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިއެއްގެ ދެމެދުގައެވެ. ފުލުހުން މިހާރުގެންދަނީ މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

