ޖިންސީކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އޭނާ ޔޫތު މިނިސްޓްރީގައި އަދާކުރަމުންދިޔަ މަގާމުން ވަކިކޮށްފިއެވެ.
އޭނާއަށް ހުކުމް ކުރުމާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނި އަސްއަދު މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އޭނާ މަގާމުން ވަކިކުރެއްވި އިރު ހުންނެވީ ސަރުކާރުގެ ރަސްމީ ދަތުރެއްގައި ށ. އަތޮޅުގައެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އޭގެ ފަހުގައި އެއަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
އަޑުބަރޭ ޖާމިނުވާގޮތަށް ހުށަހަޅާފައި ވުމުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ނެރުނު އަމުރު ބާތިލުކުރުމުން އަލީ ވަހީދު ވަނީ ބޭސްފަރުވަގެ ނަމުގައި ރާއްޖެއިން ބޭރަށް ފުރާފައެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް 4 މަސް ހަމަވެގެން ދިޔައިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައިނުވާތީ މިހާރުވަނީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއްވެސް ނެރެފައެވެ.

