އަންނަ މާރޗްމަސް ފެށިގެންދާއިރު މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރު ފެށުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ މާރޗްމަހުގެ ފުރަތަމަ ހަފްތާތެރޭގައި މިފްކޯއިން މަސް ގަންނަ އަގު ބޮޑުވާނެ ކަމަށާއި މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުކުރެވޭނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
ރައީސް ފާހަނގަކުރެއްވި ގޮތުގައި މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެންނެވެ. އެހެންކަމުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފާއިތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މިފްކޯއިން މަސްކިރުވާފައިވަނީ ފާއިތުވީ އަހަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ފާހަނގަކުރެއްވިއެވެ.

