މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާކަމުގައި މިއަދު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމިއްޔަތުގެ މައިވަންތަ އުނގުގައި ކޮންމެ ދިވެއްސަކީ ވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި ޖިސްމާނީ އުނިކަމެއް ތަޙަންމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުން ވާކަމެއް ނޫންކަމަށާއި، ނުކުޅެދުންތެރި ކަމަކާހުރެ އަނެކާއާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއްކަމުގައި ސިފަކުރެއްވިއެވެ.
އަދި، މިހާތަނަށް އައި އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތްކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ދަފްތަރަކީ އެ ފަރާތްތަކަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެކަމަށާއި، މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާކަމުގައެވެ.

