ކުރީ ސަރުކާރާއި މިސަރުކާރުން އިންޑިއާއިން ނެގި ލޯނުތަކުން 697 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ މިދިޔަ ޑިސެމްބަރު މަހުގެ 29ގައި ދައްކާ ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާ ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރި ކަމަށެވެ.
ރައީސް ވިދާޅުވީ، 2020 ވަނަ އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 ޕަސަންޓު ދަށްވި ކަމަށެވެ. އެ އަހަރު އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ނަމަ އާންމުންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފާއިތުވީ 2021 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 31.6 އާއި 38.5 ޕަސެންޓާ ދެމެދުގައި ކަމަށެވެ. މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

