އައިސިސްގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ މަރާލައިފި ކަމަށް އެމެރިކާއިން މިއަދު ހެނދުނު އިއުލާނުކޮށްފިއެވެ.
އައިސިސްގެ ލީޑަރު މަރާލައިފައިވަނީ މިއަދު ހެނދުނު ކަމަށް އެމެރިކާގެ ރައީސް ޖޯއި ބައިޑަން ވަނީ އިއުލާންކޮށްފައެވެ. އަދި މިއީ 2019 ގެ ފަހުން އެމެރިކާއިން ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.
“އަޅުގަނޑުމެންގެ ސިފައިންގެ ހުނަރުވެރިކަމާއި ހިތްވަރުގަދަކަމުގެ ސަބަބުން، އައިސިސްގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ޤުރައިޝީ ހަނގުރާމައިގެ މައިދާނުން އަޅުގަނޑުމެން ދުރަށް ހިނގައްޖެ. މި އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ ހުރިހާ ރައްޔިތުން ވަނީ ރައްކާތެރިކަމާއެކު އެނބުރި އައިސްފައި.” ބައިޑެންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއިން ހިންގި އޮޕަރޭޝަންގައި މަދުވެގެން 13 މީހަކު މަރާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭކަމަށްވެސް ސީރިޔާގެ ސިވިލް ޑިފެންސް ގްރޫޕާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
“އަޅުގަނޑުގެ އިރުޝާދާއެކު، ހުޅަނގު އުތުރު ސީރިއާގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކުން ވަނީ ޓެރަރިޒަމާ ދެކޮޅަށް އެމެރިކާގެ ރައްޔިތުންނާއި އަހަރެމެންގެ އެކުވެރިން ހިމާޔަތް ކޮށް، ދުނިޔެ އަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކާމިޔާބު ކަމާއެކު އޮޕަރޭޝަނެއް ހިންގާފައި،” ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކާރބީ ބުދަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިމިޝަން ކުރިއަށް ގެންގޮސްފައިވަނީ މެދުއިރުމަތީގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ހަރަކާތްތައް ކޮންޓްރޯލް ކުރާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަމަށެވެ.

