މޮރޮކޯގެ އަވަށެއްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން 100 ފޫޓަށްވުރެ ފުން ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތް ފަސްއަހަރުގެ ކުއްޖަކު ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޔާން ނަމަކަށް ކިޔާ މިކުއްޖާ ވެއްޓިފައިވަނީ. އަންގާރަ ދުވަހުގެ ރޭ ޝެފްޗާއޫން ޕްރޮވިންސްގެ އިޢުރާން ނަމަކަށް ކިޔާ އަވަށެއްގެ ކައިރީގައި ހުރި ވަޅަކަށެވެ. އެކުއްޖާގެ މިވަގުތު ހާލަތު ސީދާ ސާފުވެފައި ނުވި ނަމަވެސް، މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުއްޖާ އޮތް ވަޅަށް މިހާރު އޮކްސިޖަން ޕަމްޕް ކޮށްފައިވާ ކަމަށެވެ.
އާންމުންގެ ގިނަ ބަޔަކު މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވާއިރު ރެސްކިއު ޓީމްތަކުން ގެންދަނީ މެދުކެނޑުމެއްނެތި ރަޔާން ސަލާމަތް ކުރަމުންނެވެ.

ރަޔާން ވެއްޓިފައިވާ ވަޅުގެ ކުރެހުމެއް
100 ފޫޓުގެ ފުން ވަޅުތެރެއަށް ކެމެރާއެއް ތިރިކޮށް މިހާރު ރަޔާންގެ ހާލަތު މެޑިކަލް ސްޓާފުން މޮނިޓާކުރަމުންދާ ކަމަށާއި، ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މޮރޮކޯގެ ސިވިލް ޕްރޮޓެކްޝަން ޑައިރެކްޓްރޭޓްގެ އިސްނެގުމާއެކު، ޝެފްޗާއޫން ސިޓީއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ އުތުރުގެ ކުޑަ އަވަށެއް ކަމަށްވާ ޓަމޮރޮޓްގައި ރެސްކިއު އޮޕަރޭޝަންތައް އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ދަނީ ކުރިއަށެވެ.

