މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އަސަރުކުރާފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިއަދު ކުރިޔަށްދާ އިންތިޚާބާއި ގުޅިގެން އެކިއެކި ޝަކުވާތައް އެކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެހެންނަމަވެސް އިންތިޚާބަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިންތިޚާބު ފެށުމުގެ ކުރިން ހުށަހެޅި 3 ޝަކުވާއަށް ކޮމިޝަނުން ޖަވާބުދާރީވެފައިވާކަމަށާއި އިންތިޚާބާއި ގުޅިގެން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ކޮމިޝަންގައި މިނިވަން ކޮމެޓީއެއް އެކުލަވާލެވިފައިވާކަމަށެވެ.
ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި، ފާހަގަވާ ކަންކަމަށް ބަލައި ޤާނޫނީ ގޮތުން ބަލަންޖެހޭ މައްސަލައެއް އޮތްނަމަ އެކަމެއް ބަލައި ކޯޓާއި ހަމަޔަށް ފޮނުވަންޖެހޭ މައްސަލައެއް އޮތްނަމަ ކޯޓަށްވެސް އެމައްސަލައެއް ހުށަހަޅުއްވާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ހެދުނު ފެށިގެން ކުރިޔަށްދާއިރު ޖުމްލަ 7 ފޮށި ވަނީ ބަހައްޓާފައެވެ. އެއީ މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނަށެވެ.
މިއިންތިޚާބަކީ ކޮމަންޑޫ ދާއިރާގެ މެންބަރ ހުސެއިން ވަހިދު އަވަހާރަވުމާއި ގުޅިގެން ބާއްވާ ބައި އިލެކްޝަނެކެވެ. މިއިންތިޚާބަށް ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުންނަކީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު، ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާނު އިދުރީސްއެވެ.
ވޯޓުލުން ނިމޭނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ. ނަމަވެސް ކިއުގައި ބަޔަކު ތިބި ނަމަ ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށްދާނެއެވެ.

