ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވި ވާހަކަ އަކަށް ގދ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިމަހުގެ 3 ވަނަ ދުވަހު ތިނަދޫ ރައީސް ސައުދު ޢަލީ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ހުވަދު އަތޮޅަށް ތަރައްގީގެ ފޮނިމީރުކަމާއި މަންފާ ބޮޑަށް ލިބެން އޮތީ ގދ.އަތޮޅު ދެކުނުބުރީގެ ވެރިކަން ކުރާ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ކަމަށެވެ.
ރައީސް ސަޢުދުގެ އެ ޕޯސްޓަށް ރައްދު ދެއްވާ ގައްދޫ ރައީސް ވިދާޅުވެފައިވަނީ ގދ.އަތޮޅުގެ ރަށްތަކަށް ތަރައްޤީ ކަށަވަރުވެ އޭގެ ބެހެނިވެރިންނަށް ލިބިގެންދާނީ ތިނަދުއަށް ބާރުތައް މަރުކަޒީ ކުރުވުމުގެ ވިސްނުންތައް ނައްތާލެވިގެންކަމަށެވެ. އަދި އެކަން ކުރެވެން އޮތީ އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކާއި އަތޮޅު ކައުންސިލްގެ ދައުރު ހަރުދަނާ ކުރެވިގެން ކަމަށްވެސް ރައީސް މުހައްމަދު ގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ގދ.އަތޮޅު ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާ ގައްދޫ ރައީސް މުހައްމަދު އަހުމަދު ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް މިގޮތަށް ވިދާޅުވެފައިވަނީ ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ބޭނުންވާ ހުރިހާ ސިފައެއް އެކުލެވިގެންވާ ރަށަކަށް ވާތީ، އެރަށުން ގޯތި ބޭނުންވާ ރަށުން ބޭރު ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ކައުންސިލުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ގދ.ތިނަދޫ އަށް ސީޓީއެއްގެ ދަރަޖަ ހޯދުމަށް މިހާރު ތިނަދޫގައި އޮތް ކައުންސިލާއި، އަދި ތިނަދޫ ކައުންސިލްގެ ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަން ފާހަގަ ކޮށްލެވެއެވެ.

