މޮރޮކޯގެ އަވަށެއްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން 100 ފޫޓަށްވުރެ ފުން ވަޅުގަނޑެއްގެ ތެރޭގައި ތާށިވި ފަސް އަހަރުގެ ރަޔާން، ނިޔާވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޔާން ނިޔާވެފައިވާކަން އެގައުމުގެ އިދާރާތަކުން ހާމަކޮށްފައިވަނީ، މޮރޮކޯގެ ގަޑިން 10:00 އެހާކަންހާއިރުއެވެ. ރަޔާން ސަލާމަތް ކުރުމުގެ މަސައްކަތް މެދުނުކެނޑި 4 ދުވަސްވަންދެން ކުރުމަށްފަހު ވަޅުން ނަގާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ރަޔާން ނިޔާވި ހަބަރު ލިބުމުން މޮރޮކޯގެ ރަސްގެފާނު ވަނީ ރަޔާންގެ މައިންބަފައިންނަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެގައުމުގެ ރޯޔަލް ކޯޓުގެ ބަޔާނަކުން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޔާން ނަމަކަށް ކިޔާ މިކުއްޖާ ވެއްޓިފައިވަނީ، އަންގާރަ ދުވަހުގެ ރޭ ޝެފްޗާއޫން ޕްރޮވިންސްގެ އިޢުރާން ނަމަކަށް ކިޔާ އަވަށެއްގެ ކައިރީގައި ހުރި ވަޅަކަށެވެ.

