ބްރެޒިލް އިން ރާއްޖެ އައި ދެފަތުރުވެރިންގެ އަތުން 21 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ފެބްރުއަރީ 4 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ބްރެޒިލްގެ ދެމީހެއްގެ އަތުން ފެނިފައިވަނީ 4.263 ކިލޯގެ މަސްތުވާ ތަކެއްޗެވެ. މިމައްސަލައިގައި ހައްޔަރުކުރެވިފައިވަނީ އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނެކެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ދެމީހުންނާ މެދު ޝައްކުކުރެވިގެން އެ ދެ މީހުންގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ދެމީހުންވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މީގެއިތުރުން މިދެމިހުންގެ ލަގެޖުންވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ފިރިހެން މީހާގެ އަތުން 1.760 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު އަންހެންމީހާގެ ލަގެޖުން 2.503 ކިލޯގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ އަގު 21،315.000.00 ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިމައްސަލައިގައި އެދެމީހުން ހައްޔަރުކޮށް މިހާރުވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

