ހއ.ފިއްލަދޫ ސްކޫލްގެ ބެލެނެވެރިންތަކެއް ނުކުމެ އެރަށު ސްކޫލް ގޭޓުގައި ތަޅު އެޅުވުމަށްފަހު އިހުތިޖާޖްކޮށްފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބެލެނެވެރިޔަކު ބުނެފައިވަނީ އެރަށު ސްކޫލުގައި ޕްރިންސިޕަލަކު ނެތި މަސައްކަތް ކުރަމުން ގެންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށެވެ.
ރަށު ސްކޫލުގައި ޕްރިންސިޕަލެއް ނެތި ސްކޫލް ނުހިންގޭނެ ކަމަށް ބެލެނެވެރިންވަނީ ބުނެފައެވެ. އެހެންކަމުން އެސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސައިދެއްވުމަށް ބެލެނެވެރިން ދަނީ އެދެމުންނެވެ.
މިއަދު ކުރިޔަށް ގެންދިޔަ މިއިހުތިޖާޖުގައި ސްކޫލްގެ ބައެއް ބެލެނެވެރިންވަނީ ބައިވެރިވެފައެވެ. ސްކޫލް ގޭޓުގައި ތަޅު އެޅުވުމަށްފަހު ޓީޗަރުންވެސް ސްކޫލަށް ނުވައްދާނެ ކަމަށް ބެލެނެވެރިންވަނީ ބުނެފައެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހުސައިން ވިދާޅުވީ މިއަދު ހެދުނު ސްކޫލްގެ ސެޝަން ފެށޭ ގަޑިޔަށް ހަ ބެލެނެވެރިޔަކު ނުކުމެ ސްކޫލް ގޭޓުގައި ތަޅު އެޅުވި ކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ގޭޓު ހުޅުވާލެވިފައިވާ ކަމަށެވެ.
ފަތުހުﷲ ވިދާޅުވީ އެގޮތަށް ސްކޫލް ކުދިންގެ ކިޔެވުން ހުއްޓުވުމަކީ ކުށެއް ކަމަށާއި އެކަން ފުލުހުން ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށް ފަތުހުﷲ ވަނީ މީޑިޔާއަށް މައުލޫމާތު ދެއްވާފައެވެ.

