ލަވަކިޔުމުގެ ދާއިރާއިން އިންޑިއާގެ ބޮލީވުޑްގައި ފިޔަޖަހަމުން އައި މަޝްހޫރު ލެޖެންޑަރީ ލަވަކިޔުންތެރިޔާ، ލަތާ މަންގޭޝްކަރު ނިޔާވެއްޖެ އެވެ.
އުމުރުން 92 އަހަރުގެ، ލަތާގެ ހާލު ގޯސްވެ، އިންޑިއާގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، މިއަދު ހެނދުނު ރާއްޖެ ގަޑިން 9:00 ހާއިރު ލަތާ ވަނީ މިދުނެޔިއިން ވަކިވެގެން ގޮސްފައެވެ.
ލަތާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެެވުނީ މީގެ ތިން ހަފްތާކުރިން ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އޭރު އާއިލާއިން ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އައިސީޔޫއަށް ގެންދިޔައީ އުމުރުން ދުވަސްވެފައި ވާތީ ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފަހުން ލަތާއަށް ވަނީ ނިއުމޯނިއާ އާ ވެސް ހަނގުރާމަ ކުރަންޖެހިފައެވެ.
ލަތާ އަކީ އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފުންނާބު އުސް، ލެޖެންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. 1942 ވަނަ އަހަރުގައި ލަވަކިޔަން ފެއްޓި ލަތާ ވަނީ އިންޑިއާގެ 36 ބަހަކުން އަދި ބޭރުގެ ބަސްބަހުން ވެސް ލަވަ ރެކޯޑުކޮށްފަ އެވެ. އަދި މަޝްހޫރު ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އަކީ ލަތާ މަންގޭޝްކަރުގެ ކޮއްކޮއެވެ. ލަތާ މަންގޭޝްކަރު އަދި އާޝާ ބޯސްލޭގެ ލަވަތަކަކީ، ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

