ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުއަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ މުވައްޒަފުންނަށް އިންޒާރުދިން ފެނަކައިގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން އާ ދެކޮޅަށް އެމްޑީޕީގެ އެކްޓިވިސްޓުން ނިކުމެއްޖެވެ.
އިއްޔެ ލީކުވި އޯޑިޔޯއެއްގައި ޒާހިރު ބުނެފައިވަނީ ވޯޓު ހޯދަން މިއުޅެނީ ރާޑޯއަކަށް ނޫން ކަމަށާއި ތިލަފަތަށް ކަމަށެވެ. އަދި އެމްޑީޕީއަށް ވޯޓު ދޭން ބޭނުން ނުވާ މީހުން ވޯޓު އަޅަން ނުދިޔުމަށް ޒާހިރު ވަނީ ލަފާދީފައެވެ. އެމްޑީޕީއަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ މުވައްޒަފުންނަށް ވަނީ އިންޒާރުދީފައެވެ.
މި މައްސަލައިގައި ފެނަކައިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ލީކުވި އޯޑިޔޯއާ ގޮތުން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ޒާހިރުއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާ ވަޒީފާއިން ވަކިކުރުމަށް ގޮވާލަމުންނެވެ.
ކުރިން ފެނަކައިގެ މަސައްކަތްކުރި އެމްޑީޕީގެ މީސް މީޑިއާ އެކްޓިވްސްޓް އަހުމަދު (ދޮންކޮޅު) ކުރީ ޓްވީޓެއްގައި ބުނީ ޒާހިރު އަކީ ފެނަކައިން ކުއްޔަށް ނަގާ ލޭންޑިން ކްރާފްޓްގައި އަމިއްލަ މުދާ ގެންދާ މީހެއް ކަމަށާއި އެކަމަށް ލޮޖިސްޓިކްގައި އުޅޭ ކުދިން ހެކިވާނެ ކަމަށެވެ. ދޮންކޮޅު އިތުރަށް ވިދާޅުވެފައިވަނީ ޒާހިރު ޕްރޮމޯޝަން ދެނީވެސް އޭނަގެ ގެޔަށް މަސް ގެންދާ ކުދިންނަށް އެކަނި ކަމަށެވެ.
ހެލްތް މިނިސްޓްރީގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރ އާމިނަތު ޝަތުފާ (ޝަތޫ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒާހިރުއަކީ ޕީޕީއެމް މީހެއް ކަމަށާއި އެއީ އެމްޑީޕީ މީހުންނަށް ޖެއްސުން ކުރުމަށް އޭނަ ކުރި ކަމެއް ކަމަށެވެ.
މީސް މީޑިއާގައި އެންމެ އެކްޓިވްކޮށް އުޅޭ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އަހުމަދު އަންވަރު (ސިމްވާ) އާއި ވަރުގަދަ ޝޯޝަލް މީޑިއާ އެކްޓިވްސްޓް އަދި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ޝައްމޫނު ޖަލީލް (ލޫކަސް) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި ޒާހިރު ބޭނުންހާ ގޮތެއް މުވައްޒަފުންނަށްހަދަން ދޫދީގެން ނުވާނެ ކަމަށާއި މުވައްޒަފުންގެ ހައްޤުގައި ޒާހިރު ވަޒީފާއިން ވަކިކުރުމަށް ވަނީ ގޮވާލާފައެވެ.

