ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ދިވެހި އަންހެންކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
3 މެއި 2016 ވަނަ އަހަރު ސްރީލަންކާއިން ރާއްޖެ އައި ޝާނިޔާ ރަޝީދު ނަމަކަށް ކިޔާ ދިވެހި އަންހެން ކުއްޖަކާއި މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާ ހުއްޓުވައި ފާސްކުރުމުން އޭނާގެ ދަބަހުން ގާތްގަނޑަކަށް 600 ގްރާމް މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެތަކެއްޗަކީ އޭނާއަށް އެނގިހުރެ ރާއްޖެ އެތެރެކުރި އެއްޗެއް ކަމަށް ކަސްޓަމްސް އޮފިސަރުންނާއި އަދި ފުލުހުން ކައިރީ އެއްބަސްވެސް ވެފައިވީ ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ޝާނިޔާ އޭރު ބުނެފައި ވަނީ އޭނާ ލަންކާ އަށް ދިޔައީ ވެސް މަސްތުވާތަކެތި ބަލައި ކަމަށާއި އެއީ އޭނާގެ ލޯބިވެރިޔާގެ ކޮއްކޮ ބުނެގެން ގެނައި މަސްތުވާތަކެތި ކަމަށެވެ.
ކޯޓުގައި މައްސަލަ ބެއްލެވި ޤާޒީ ފާހަނގަކުރެއްވި ގޮތުގައި ޝާނިޔާއެކު އިތުރު ދިވެއްސަކު ހުރިކަމަށް ކަސްޓަމްސްގެ އޮފިސަރުންނައި އަދި ސީންއަށް ފުރަތަމަ ދިޔަ ފުލުސް މީހާ ބުނެފައިވީ ނަމަވެސް އެމީހާއާއި ބެހޭ ގޮތުން އެއްވެސް ވަރަކަށް ބަލާ ތަހުޤީގުކޮށްފައިނުވެއެވެ. އެކުގައި ދަތުރުކުރާ ދެމީހުންގެ ތެރެއިން ދެ މީހުން ހުއްޓުވާ އޭނާގެ ބައި އެއްވެސް މިންވަރަކަށް ނުބެލި އެކެއްގެ މައްޗަށް ތަޙުޤީޤު ހިންގުމަކީ އެކަމުގައި އޮތް އެންމެ ރަގަޅު ގޮތެއް ނޫން ކަމަށް ޤާޒީ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން ކަސްޓަމްސްއިން ޝާނިޔާ ހައްޔަރުކޮށްގެން ގެންގޮސް ގެސްޓު ހައުސްއެއްގައި އެއްގަޑިއިރު ޝާނިޔާއެކު ތިބިއިރު އެތާނގައި އަންހެން ފުލުހަކު ނެތް ކަމަށާއި ފުލުހުން ހިންގަން އުޅުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ދަށުން ޝާނިޔާ ބުނާ މީހަކަށް ގުޅައިގެން އޭނާ އެތަނަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އެހެންކަމުން އަންހެން ފުލުހެއް ނެތި އެއްގަޑިއިރު ގެސްޓު ހައުސެއްގައި ޝާނިޔާއެކު ފުލުހުން ތިބުމަކީ ފުލުހުން ކޮށްފައިވާ އަޙްލާޤީ ކުށެއް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ޝާނިޔާ އާއިއެކު އިތުރު މީހަކު ދަތުރު ކުރިކަން ހެކިބަހުން އެނގެން އޮތްއިރު، އެމީހާއަށް ފާރަލުމެއްނެތި ނުވަތަ އެމީހާ ކަންކުރަމުންދިޔަ ގޮތަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި މި މައްސަލައިގައި އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި ހިންގުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އޭގެ ސަބަބުން އަސަރުކުރުން އެކަށީގެންވާ ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުން ބުނެފައިވަނީ ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ހުށަނޭޅި ކަމުގައި ވީނަމަވެސް، މައްސަލައާއެކު ހުށަހެޅިފައިވާ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، އެ ފޯމާއެކު ހިމެނޭ އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމަށް ބަލާއިރު، މަސްތުވާތަކެތި ލެބޯޓްރީއާ ހަމައަށް ވާޞިލްވެފައިވާ ގޮތް އެނގޭ ކަމަށާއި، މި މައްސަލާގައި އެފަދަ ސުވާލެއް އުފެދޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީގެ ފޯމުތަކާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތަކަށާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުތަކަށާއި، މައްސަލައާއެކު ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ތަޙުލީލު ކުރިކަމަށް މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފުލުސް މީހާގެ އަތަށް ތަޙުލީލުކުރުމަށްޓަކައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތަކެތި ލިބުނީ ކާކުގެ އަތުން ކަމެއް، ކޮން އިރަކު ކަމެއް އެނގޭކަށް ނެތް ކަން ފާހަނގަކުރައްވަމުން ޤާޒީވަނީ ދައުލަތުގެ އެވާހަކަތައް ޤަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
ކޯޓުން އިއްވި ހުކުމުގައި އިތުރަށް ބުނެފައިވަނީ ލެބޯޓްރީން އެ ތަކެއްޗާއި ޙަވާލުވުމަށްފަހު، އެ ތަކެތި ސީދާ ޙަވާލުކުރީ ކޮން ފުލުހަކާއި ކަމެއް ނުވަތަ ލެބޯޓްރީން އެ ތަކެއްޗާއި ޙަވާލުވުމަށްފަހު، އިތުރު އެހެން މީހަކު އެ ތަކެއްޗާއި ޙަވާލުވިކަމެއް ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގޭކަށް ނެތް ކަމަށެވެ. މީގެއިތިރުން މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީގެ ފޯމުތައް ވަކި ފުލުހަކާއި ހަމައިން ނިމުމަށް ފަހު އެ ތަކެއްޗަށް ވީގޮތެއް ޗެއިން އޮފް ކަސްޓަޑީގެ ފޯމުތަކުން އެނގޭކަށް ނެތް ކަން ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން ޝާނިޔާގެ ލަގެޖުން ނެގުނު ތަކެއްޗަކީ މަސްތުވާ ތަކެތިކަން ކަށަވަރު ކުރެވޭނެ ގޮތެއްގެ މައްޗަށް ހެކި ހުށަހެޅުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވަމުން ޤާޒީ ވިދާޅުވީ ދައުލަތުން ޝާނިޔާގެ މައްޗަށް އުފުލި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

