ސޯރިއޭސިސް އަކީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުއިންވެސް ފެންނަމުން އަންނަ ހަމުގެ ބައްޔެކެވެ. ސޯރިއޭސިސްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބަދަލުތަކެއް ގެނުވައެވެ. ސޯރިއޭސިސް ޖެހުމުން ހަށިގަނޑުގައި އިންފްލެމޭޝަން އުފައްދައި، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބޮޑެތި ބަދަލުތައް ކުރިމަތި ވެގެންދެއެވެ. ސޯރިއޭސިސްގެ ސަބަބުން ހަންގަނޑުގެ ބައެއް ތަންތަން ދުޅަވެ، ހަންގަޑު ބޯވެ، ކުރަކިވެ ފާރު އުފެދެއެވެ.
މިފަދަ ގޮތްތަކެއް ކުރިމަތިވަނީ، ސޯރިއޭސިސްގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމް މާބޮޑަށް ބާރުގަދަވެ، ހަންގަޑުގެ ސެލްތައް އުފައްދާ ރޭޓް އިތުރުކޮށް، ސެލްތަށް މާއަވަސް އަވަހަށް އުފެއްދުމުންނެވެ. ސޯރިއޭސިސްގެ ސަބަބުން ކޮންމެ 3 ދުވަހަކުން ނުވަތަ 4 ދުވަހުން ހަންގަޑުން އާ ސެލްތައް އުފައްދައެވެ. އާންމުކޮށް މަހަކު އެއްފަހަރު ގޮތަކަށް އުފެދޭ އާސެލްތައް މިހާ ބާރު ސްޕީޑެއްގައި އުފެދުމުން، ގުދުރަތީގޮތުން ހަންގަންޑު ނެއްޓި އާހަންގަޑު އުފެދުމަށް ނަގާ މުއްދަތު ނުލިބެއެވެ.
ސޯރިއޭސިސްގެ ސަބަބުން އުފެދޭ އާ ސެލްތައް މަތިމައްޗައް އުފެދި، ހަންގަނޑު ހިކި، ހަންގަނޑަށް ބޭނުންވާ ވަރަށް މޮއިސްޗަރައިސް ނުވުމުން ހަންގަނޑު ބުރިބުރިވެ، ފާރުވެއެވެ. އަދި ހަންގަނޑު ބޯވެފައި ހުންނަ ސަރަޙައްދު ހިރުވައި، ކެހުމުގެ ސަބަބުން ފާރުވެ ދޮސްގަތުން ފަދަ އުދަނގޫތައް ކުރިމަތިކުރުވައެވެ. ސޯރިއޭސިސްގެ ނިޝާންތައް މުޅި ހަށިގަނޑުގެ ތާފާތު ހިސާބުން ފެނެއެވެ. ނަމަވެސް ސޯރިއޭސިސްގެ ސަބަބުން ކުރިމަތިވާ ހަންގަނޑު ކުރަކިވެ، ފާރުވުމުގެ މައްސަލަ ގިނަ މީހުންގެ ހަށިގަނޑުން ފެނިގެންދަނީ، އުޅަބޮށި، ކަކޫ އަދި ބޮލުން ނެވެ.

ހަށިގަނޑު ތަފާތު ހިސާބުގައި ސޯރިއޭސިސް ގެ ނިޝާންތައް ފެންނަ ގޮތް
ސޯރިއޭސިސްގެ އާންމު 5 ވައްތަރެއް ވެއެވެ. އެއް ވައްތަރަށްވުރެ ގިނަ ވައްތަރުގެ ސޯރިއޭސިސް އެއް ފަހަރާ އެކަކަށް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. ސޯރިއޭސިސްގެ ވައްތަރާއި، ކުރިމަތިވެފައިވާ ގުނަވަނަކަށް ބަލައި ދެވޭ ފަރުވާތައް ތަފާތުވުން އެކަށީގެންވެއެވެ.
ސޯރިއޭސިސް ކުރިމަތިވާ ސީދާ މައްސަލައެއް މިހާތަނަށް ދިރާސާ ކުރެވިފައި ނުވެއެވެ. ނަމަވެސް އެނގިގެން ގޮސްފައިވާ ގޮތުގައި، އާއިލީ ގޮތުން ޖެނެޓިކްސް އިން ވާރުތަވާ ތަފާތު ކަންކަމާއި، ހަށިގަނޑުގެ ދިފާއީ ނިޒާމާއި އަންނަ ބަދަލުތަކާއި، ސޯރިއޭސިސް ކުރިމަތިވުމާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ސޯރިއޭސިސް އަކީ އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ބަޔެއް ނޫނެވެ. ސޯރިއޭސިސް ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އެއްޗެއް ބޭނުން ކުރުމުން ނުވަތަ، ފާރުވެފައި ހުންނަ ތަނެއްގައި އަތްލެވިގެން، މިބަލި އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ނާރައެވެ. ސޯރިއޭސިސް ކުރިމަތިވެފައިވާ ކަން އެނގިގެން ދަނީ، ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަންގަނޑު ބޯވެ، ކުރަކިވެ ފާރުވެ، ތަފާތު ކުދި ފާރުކޮޅުތައް އުފެދެން ފެށުމުންނެވެ. ސޯރިއޭސިސްގެ ނިޝާންތައް، އެކިމީހުންނަށް ތަފާތުކޮށް ކުރިމަތިވެއެވެ.
ސޯރިއޭސިސްގެ ސަބަބުން ސިއްޙަތަށް ބޮޑެތި ގެއްލުން ކުރިމަތިވުމުގެ ބަދަލުގައި، ސޯރިއޭސިސްގެ ސަބަބުން ގިނަބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވެގެން ދެއެވެ. ސޯރިއޭސިސްގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމާއި، ގުޅުންތަކަށް އަސަރު ފޯރުވައި، ހާސްކަން އިތުރު ކުރުވައެވެ. ހަޑށިގަނޑުގެ ތަންތަނުގައި ފާރު އުފެދި ހަލާކުވެފައި ހުރުމަކީ، އެހެން މީހުންނަށް ބަލި ތަޙައްމަލު ކުރާ ފަރާތް މުޑުދާރު، މީހެއްގެ ގޮތުގައި ސިފަވެގެންދާ ކަމެކެވެ. ސޯރިއޭސިސްގެ ސަބަބުން ބައެއް މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ގައިން ގަޔަށް ނާރާ ބައްޔެއް ނަމަވެސް، ގިނަ މީހުން މިއަދު ވެސް މިބައްޔާއި މެދު ހޭލުންތެރި ނުވެއެވެ.
މިބައްޔަށް ޚާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވިނަމަވެސް، ބަލީގެ ސަބަބުން ކުރިމަތިވާ ހަމުގެ މައްސަލަ ކޮންޓްރޯލް ކުރުމަށް ތަފާތު ފަރުވާ ހޯދިފައި ވެއެވެ. ސޯރިއޭސިސް އަށް ދެވޭ ފަރުވާގެ ސަބަބުން، ހަންގަނޑަށް ކުރިމަތިވާ ތަފާތު މައްސަލަ އެއްކޮށް ނުހުއްޓުވުނު ނަމަވެސް، ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދެއެވެ. މިފަރުވާގެ ސަބަބުން، ތަފާތު ސިއްޙީ މައްސަލަތައް ކަމުގައިވާ، ސޯރިއޭޓިކް އަރުތުރައިޓިސް، ހިތުގެ މައްސަލަ، ފަލަވުމުގެ މައްސަލަ، ހަކުރު ބަލި، އަދި ޑިޕްރެޝަން ފަދަ ސިއްޙީ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދެއެވެ.

