ކުރީގެ ރައިސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ނުލެވޭނަމަ އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ޔާމީންގެ އެކައުންޓުގައި ދައުލަތުގެ ގިނައަދަދެއްގެ ފައިސާ ހުރިކަން ކަނޑައެޅިގެން އެގޭއިރު ސްޕްރީމްކޯޓުން ޔާމީން މިނިވަން ކުރުމަކީ އަޖައިބެއް ކަހަލަ ހުކުމެއް ކަމަށާއި ޔާމީން އަނބުރާ ޖަލަށް ނުލެވޭނަމަ އެމްޑީޕީއަށް ތާއީދުކޮށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުން އިއްވި ހުކުމާއި ގުޅިގެން ޔާމީން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަޖައިބުވާ ވަރަށް ދައުލަތުގެ ފައިސާ އެކައުންޓަށް ޖަމާކޮށްގެން ހުރި މީހަކު ބޭނުން ރަށަކަށް އަރައި މާލެތެރޭގައިވެސް ބޭނުން ގޮތަކަށް އުޅެން ދޫކޮށް، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުކުރަން ފުރުސަތުދޭންވީތޯ އާޒިމް ވަނީ ސުވާލުކޮށްފައެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިކަންތައް ހުއްޓުވުމަށް ފަނޑިޔާރުން ފިޔަވަޅު ނާޅާނަމަ ވަކި ކުރަން ޖެހޭ ފަރާތްތަކުން ވަކިކޮށްގެން ވެސް އެކަން ކުރަން ޖެހޭ ކަމަށެވެ. އެމީހުންނަށް ހައްޤު އަދަބު ދޭން އެބަޖެހޭ ކަމަށެވެ.
“އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން، ދައުލަތުގެ ފައިސާ އިންތިހާއަށް ނަގައިފައި ތިބި މީހުން ޖަލުގެ އެތެރެއަށް އެބަ ލާން ޖެހޭ، އެ މީހުން ހައްގު އަދަބު އެބަ ދޭން ޖެހޭ. ނުދޭ ކަމަށް ވަނީ ވިއްޔާ ރައްޔިތުން އަޅުގަނޑުމެންނަށް، އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް، އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،” އާޒިމް ވިދާޅުވިއެވެ.
އާޒިމް ސިފަކުރެއްވި ގޮތުގައި ޔާމީން މިނިވަންކަންމަތީ ބެހެއްޓުމަކީ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރަށް ފުރަގަސްދީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ އިބްތިދާއީ ބަހުސެވެ.

