ކޮންމެ އަހަރަކު ސަރުކާރުން ކުރިޔަށްގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ލޯންތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރު ހަޔާ އެޑިއުކޭޝަން ލޯންގެ ގޮތުގައި ސަރުކާރުން 720 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިން ކިޔެވުމަށްޓަކައި ސަރުކާރުން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި މުޅިން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށް ހާއްސަ ކޮށްގެން 420 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި އަދި މިވަގުތު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން 303 ފުރުސަތު ހާއްސަ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހުޅުވާލެވުނު ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ސުން ގަނޑި ހަމަވާނީ މާޗް 3 ގެ މެންދުރު ފަހު 1:30 އަށެވެ. އަދި މިއަހަރުގެ ލޯނުގައި ސަރުކާރުގެ ފަރާތުން ވަނީ މުޅިން އަލަށް އިތުރު ކަންތައްތަކެއް ތައާރަފުކޮށްފައެވެ.
ފުރަތަމަ ކަމަކަށް މިއަހަރު އަޅުގަނޑުމެން މި ސްކީމް ހުޅުވާމިލަނީ، މި ސްކީމަށް އަޅުގަނޑުމެން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ޗާޖު ކުރާ %3، %1 އަށް ކުޑަކުރުމަށް ފަހުގައި. އެނގިވަޑައިގަންނަވާނެ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޓިވް ފީ ވަނީ %5، އިން %3 އަށް ކުޑަ ކޮށްފައި.
އެޑްމިނިސްޓްރޭޓިވް ފީ އެއް ޕަސަންޓަށް ކުޑާ ކުރުމަކީ މިނިސްޓްރީގެ ލަނޑުދަނޑިއެއްކަން ހާމަ ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ސްކީމާ އަޅާކިޔާއިރު، މިދިޔަ އަހަރުގެ ލޯން ސްކީމުގައި ރާއްޖޭގައި މާސްޓަސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ނަމަވެސް މިއަދު ހުޅުވާލި ލޯން ސްކީމުގައި ރާއްޖޭގައި މާސްޓަރސް ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެފުރުސަތު ހުޅުވާލީ ގިނަ ދަރިވަރުންތަކެއް ރާއްޖޭގައި މާސްޓަސް ޑިގްރީ އާ ހަމައަށް ކިޔަވަމުން ދާތީ އާއި، ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮލެޖުތަކުން ވެސް މިހާރު ގިނަ އަދަދެއްގެ މާސްޓަސް ޑިގްރީގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

