ގދ.ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރުމަށްޓަކައި ބިމެއް ދޫކުރުމަށް ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން ވިދާޅުވީ ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމަށްޓަކައި 13.20 ނަންބަރު ބިމުގައި ހިމެނޭ 230،000 އަކަ ފޫޓުގެ ބިމެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބްރުއަރީ 2022 ވަނަ ދުވަހު މެންދުރު 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.
މިމަހު 15 ދުވަހު ކައުންސިލުގައި ބޭއްވޭ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން މައުލޫމާތުފޯރުކޮށްދޭނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅޭނީ އެދުވަހު އެބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ބިން ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް ބައިވެރިވާ ފަރާތްތަކަށް ލިބޭނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.
ގދ.ތިނަދޫގައި ޤާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގެ އުތުރު ފަރާތުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގެ ދެކުނުގައި ކަމަށާއި އެސަރަހައްދުގައި ޖެޓީއެއްވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

