މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ ރާޅާ އެޅުމުގެ މުބާރާތް ގދ ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
އެމްއެސްއޭ އިން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، އެއެސޯސިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ 2022 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ގައުމީ ރާޅާއެޅުމުގެ ލީގުގެ ފުރަތަމަ މުބާރާތް މި ފެބްރުއަރީ މަހު 24 އިން 25 އަށް ގދ ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެމްއެސްއޭގެ ލައިވް ހީޓްސް ޕޭޖް މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުމަށްވެސް އެދިފައިވެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓާރ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 17 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެހެން ނަމަވެސް މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގައްދޫ މިވަގުތު ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާތީ 17 ފެބްރުއަރީ 2022 ގެ ނިޔަލަށް މޮނިޓަރިންގ ހާލަތަށް އިތުރު ބަދަލެއް ނައިސްފި ނަމަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެވޭނެ ކަމަށްވެސް އެމްއެސްއޭ އިން ވިދާޅުވިއެވެ.

