ރާއްޖޭގެ ސިއްޚީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ކޮމެޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނަރުހުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ނަރުހުންގެ ޖަމިއްޔާއިން ވަނީ އިއްޔެ ހެލްތު މިނިސްޓްރީގެ ކަމާއި ބެހޭ ވެރިންނާއި ބައްދަލުކުރައްވާފައެވެ.
ނަރުހުންގެ ޖަމިއްޔާގެ ރައީސް އާމިނަތު ނަޝްފާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ވަރަށްގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އެކަންތައްތައް ވެރިންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.
ނަޝްފާ ފާހަނގަކުރެއްވި ގޮތުގައި ނަރުހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރައިގެ މައްސަލައެވެ. އެގޮތުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިފައި އިތުރުގަޑީގެ ފައިސާ ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ވާކަން ނަރުހުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން ނަރުހުންގެ ޖަމިއްޔާ އާއި، ހެލްތު މިނިސްޓްރީއާއި، ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ބޭފުޅުން ހިމެނޭގޮތަށް ކޮމެޓީއެއް ނަގަން މިހާރުވަނީ ނިންމާފައެވެ. އެފަދަ ކޮމިޓީއެއް އުފެއްދުމުގެ ބޭނުމަކީ ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމެވެ.

